ދީނުގެ ނަމުގައި އަމިއްލައަށް ކަންކަން އީޖާދުކޮށް، އަޅުކަމުގެ ތެރެއަށް އުނިިއިތުރު ކުރުމަކީ އިސްލާމްދީނުގެ އަޞްލު އޮޅި، އުންމަތް ބައިބައިވުމަށް މަގުފަހިވާ ނުރައްކާތެރި ކަމެއްކަމަށް ދީނީ އިލްމުވެރިން އިންޒާރު ކުރައްވައިފިއެވެ.
އިސްލާމްދީނުގައި "ބިދްޢަ" ނުވަތަ ދީނަށް އާކަންކަން އިތުރުކުރުމަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތާއި ޚިލާފަށް އަޅުކަމެއްގެ ގޮތުގައި ކުރެވޭ ކޮންމެ ކަމެކެވެ. އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ދުނިޔަވީ ކަންކަމުގައި އާ އީޖާދުތަކާއި ވަސީލަތްތައް (އުނގެނުމުގެ މައިދާނުގައި ނުވަތަ މީޑިއާ ފަދަ ވަސީލަތްތައް) ބޭނުންކުރުމަކީ ބިދްޢައެއް ނޫނެވެ. ނަމަވެސް، ދީނީ އަޅުކަމެއްގެ ގޮތުގައި ޤުރުއާނާއި ސުންނަތުން ސާބިތުނުވާ ކަންކަން ކުރުމަކީ ނުރައްކާތެރި ކަމެކެވެ.
މާތް ﷲ ވަނީ އިސްލާމްދީން ފުރިހަމަކުރައްވާފައެވެ. ދީނަށް އާކަންކަން އިތުރުކުރުމަކީ ދީން ފުރިހަމަނުވާކަމަށް ދޭހަވާ ނުރައްކާތެރި ކަމެކެވެ.
އިސްލާމީ ތާރީޚަށް ބަލާއިރު، މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދެންޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ދީނަށް އާފިކުރުތަކާއި ބިދްޢަތައް ތަޢާރަފުވުމެވެ.
ބިދްޢައެއް އާންމުވާ ކޮންމެ ހިނދެއްގައި، އެއާ އިދިކޮޅަށް އޮންނަ ސުންނަތުގެ އަމަލެއް އުންމަތުގެ ތެރެއިން ނެތިގެންދެއެވެ.
އިލްމުވެރިން އިރުޝާދު ދެއްވަނީ ކޮންމެ އަޅުކަމެއް ކުރުމުގެ ކުރިންވެސް އެކަމަކީ ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީންގެ އަރިހުން ސާބިތުވެފައިވާ ކަމެއްތޯ ކަށަވަރުކުރުމަށެވެ. އަދި ހެޔޮ ނިޔަތެއް އޮތްކަމުގައި ވިޔަސް، އަޅުކަމެއް ޤަބޫލުވެވޭނީ ސުންނަތާ އެއްގޮތަށް ކޮށްގެން ކަމަށްވާތީ، ދީނީ އިލްމު އުނގެނުމާއި ސުންނަތުގައި ސާބިތުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް އިލްމުވެރިން އިލްތިމާސް ކުރައްވައެވެ.





