އެސްބީއައިގެ 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައި ހަލާސްކޮށްފި

އެސްބީއައިގެ 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައި ހަލާސްކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ އެންމެ ފަހުގެ އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މިއަދު ދައްކައިފިއެވެ.

މިއާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޖުމްލަ 150 މިލިއަން ޑޮލަރު އެސްބީއައިއަށް ވަނީ ދައްކައި ހަލާސްކޮށްފައެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީ ދެއްކީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު އަދި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ދެއްކިއެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި ދަރަނި އެއްކޮށް ދައްކައި ވަނީ ނިމިފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސް އެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓްރީން ކަށަވަރުކޮށްދެއެވެ.

ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަން ދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވައިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަން ޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސުން ވިދާޅުވިއެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ފިނޭންސުން ވިދާޅުވިއެވެ.

ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމާއި، ގައުމީ ރިޒާވް ހަރުދަނާ ކުރުމުގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ފިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *