ކުރަފީގެ ކިރުގައި ޕްރޮޓީން އަދި ހަކަތައިގެ މިންވަރު ގެރިކިރަށްވުރެ 3 ގުނަ އިތުރު ކަމަށް ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ސައިންސްވެރިން ދިރާސާ ކުރީ "Pacific Beetle Cockroach" (Diploptera punctata) ނަމަކަށް ކިޔާ ކުރަފީގެ ބާވަތެކެވެ. އެހެން ކުރަފި ބާވަތްތަކާ ހިލާފަށް، މި ބާވަތުގެ ކުރަފި ބިސްއެޅުމުގެ ބަދަލުގައި ވިހަނީ އެވެ.
އެ ކުރަފީގެ ބަނޑުގައިވާ ދަރިމައިވާ ކޮތަޅުގެ ތެރޭގައި ޅަ ކުރަފިތަކަށް ކާނާ ދިނުމަށްޓަކައި ކިރާ އެއްގޮތް ދިޔައެއް އުފައްދައެވެ.
ޅަ ކުރަފިތަކުގެ ބަނޑުތެރޭގައި މި ދިޔާ ކިރު ބަދަލުވަނީ ހަކަތައިން ފުރިގެންވާ "ޕްރޮޓީން ކްރިސްޓަލް" ތަކަކަށެވެ.
ސައިންސްވެރިންގެ ދިރާސާއިން ދެއްކި ގޮތުގައި ކުރަފީގެ ކިރުގައި އެކުލެވޭ ޕްރޮޓީން އަދި ހަކަތައިގެ މިންވަރު ގެރިކިރަށްވުރެ 3 ގުނަ އިތުރެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ އިންސާނުން ބޯން ތައްޔާރު ކުރާނެ ކިރަކަށް ނުވިނަމަވެސް، މީގެ މޮލެކިއުލާ ފޯމިއުލާ ބޭނުން ކޮށްގެން ސައިންސްވެރިންނަށް މުސްތަގުބަލުގައި މަތީ މިންވަރެއްގެ ހަކަތަދޭ ސުޕަ-ފުޑްސް އަދި ނިއުޓްރިޝަނަލް ސަޕްލިމަންޓްތައް އުފެއްދުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ
ކުރަފި އުފައްދާ ކިރާ ބެހޭގޮތުން ހޯދި ތަފާތު އަދި ހައިރާން ކުރުވަނިވި މި ދިރާސާގެ ސަބަބުން ބައިނަލްއަގުވާމީ ސައިންސްވެރިންގެ މި ޓީމަށް 2026 ވަނަ އަހަރުގެ ކެމިސްޓްރީ ދާއިރާއިން "އިގް ނޯބެލް ޕްރައިޒް" ވަނީ ލިބިފައެވެ.
މި އިނާމު ހާސިލު ކޮށްފައިވަނީ އިންޑިއާގެ "އިންސްޓިޓިއުޓް ފޯ ސްޓެމް ސެލް ބަޔޮލޮޖީ އެންޑް ރީޖެނެރޭޓިވް މެޑިސިން" އާއި އެހެނިހެން ގައުމުތަކުގެ ސައިންސްވެރިން ހިމެނޭ ބައިނަލްއަގުވާމީ ރިސާޗް ޓީމަކުންނެވެ. މިއީ އަސްލު "ނޯބެލް އިނާމު" އެއް ނޫނެވެ. މިއީ ސައިންސްގެ ދާއިރާއިން ކުރެވޭ ތަފާތު، މަޖާ އަދި އަޖައިބުު ކުރުވަނިވި ދިރާސާތަކަށް ދެވޭ "އިގް ނޯބެލް ޕްރައިޒް" އެވެ.
މި އިނާމު ދެނީ "ފުރަތަމަ މީހުން ހެއްވާލައި، އެއަށްފަހު ފުންކޮށް ވިސްނާލަން މަޖުބޫރު ކުރުވާ" ފަދަ ސައިންޓިފިކް ދިރާސާތަކަށެވެ. 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މި ހަފްލާ ބޭއްވުނީ ސްވިޒްޓްރަލޭންޑްގެ ޒިއުރިކްގައެވެ.






