ފުލުހުންގެ ތަހުގީގަކަށް މައުލޫމާތު ދިނުމަށް ހާޒިރުވާން އެންގުމުން، ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ އެ އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތެއް ފިޔަވައި އިތުރު ކަމެއް އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެ މައްސަލައަކީ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކަށްވާތީ، އެކަން ހިނގަން މެދުވެރިވި ސަބަބު އެނގޭނީ ފުލުހުންނަށް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
"އާންމު މަހައްލެއްގައި ވެސް އަޅުގަނޑުގެ މުވައްކިލު ވިދާޅުވެފައިވާނީ އެ މައްސަލައަކީ ފުލުހުން ތަހުގީގުކުރައްވާފައިވާ މައްސަލައެއް ކަމަށްވާތީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންނަށް ކަމަށެވެ." ސިޓީގައިވެއެވެ.
ކުރީގެ ހައުސިން މިނިސްޓްރީ ރޯވި ހާދިސާއާ ގުޅިގެން ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ ހައުސިން މިނިސްޓްރީގައި ރޯކޮށްލީ ކާކުކަން ފުލުހުންނަށް އެނގޭނެ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް ބޭފުޅެއްކަންވެސް އެނގޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ތުހުމަތުތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވައިފައެވެ.
އެ ވާހަކަތަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާންގެ އެންގެވުމަށް ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގެއް ފަށައިފައެވެ. އަދި އެ ތަހުގީގަށް މައުލޫމާތު ސާފުކުރުމަށްޓަކައި ޔާމީން ފުލުސް އޮފީހަށް ހާޒިރުވުމަށް އެދި ޗިޓު ހަވާލުކުރަން ވެސް ފުލުހުން މަސައްކަތްކުރިއެވެ.
އެ އިމާރާތުގައި ރޯވި ހާދިސާއާ ގުޅޭގޮތުން މީގެ ކުރިން މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު ހިންގި ތަހުގީގުން އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށް ހޯދިފައިވާ ކަމަށެވެ.






