ފުލުހުންގެ ޗިޓާ ޔާމީން ހަވާލުވެޑައިނުގެންނެވި

ފުލުހުންގެ ޗިޓާ ޔާމީން ހަވާލުވެޑައިނުގެންނެވި

ތިން މިނިސްޓްރީގައި ރޯވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުން ޗިޓު ފޮނުވި ނަމަވެސް އެ ޗިޓާ އެ މަނިކުފާނު ހަވާލުވެވަޑައިނުގެންނެވި ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ރައީސް ޔާމީން މި މަހުގެ ފަސް ވަނަ ދުވަހު ވިދާޅުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އިއްޔެ އިރުއޮއްސި 6:40 އެހާކަންހާއިރު ފުލުހުން ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެއްސަށް ގޮސް އެމަނިކުފާނާ ބައްދަލުކޮށް ޗިޓު ހަވާލު ކުރަން މަސައްކަތްކުރި ނަމަވެސް އެ މަނިކުފާނު އެ ޗިޓާ ހަވާލުވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށެވެ.

"އަދި އެ ޗިޓާ ހަވާލުވެވަޑައިނުގެން، އެ މަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ލިޔުމުން ޖަވާބެއް ދެއްވާފައިވެއެވެ. އެ ލިޔުމުގައި މި މައްސަލައާ ގުޅޭ ގޮތުން އެ މަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ފުލުހުންް އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ މައުލޫމާތު އާންމުކުރެއްވުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ފުލުހުންގެ ހިދުމަތުން އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ތިން މިނިސްޓްރީގައި 12 ޑިސެމްބަރު 2024 ގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު އެ ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *