މީހުން މަގު ހުރަސް ކުރާއިރު ނުހުއްޓާ އުޅަނދު ފަހަރު 1500 އިން ޖޫރިމަނާ ކުރަނީ

މީހުން މަގު ހުރަސް ކުރާއިރު ނުހުއްޓާ އުޅަނދު ފަހަރު 1500 އިން ޖޫރިމަނާ ކުރަނީ

މަގު ހުރަސްކުރަން ފާހަގަކޮށްފައިވާ ކަފިހި ހުރަހަކުން މަގު ހުރަސް ކުރާ މީހުންނަށް ތަން ދިނުމުގެ ގޮތުން އެއްގަމު އުޅަނދު ނުހުއްޓައި، އެ ފަރާތްތައް ހުރަސް ކުރަން ޖާގަނުދީ އުޅަނދު ފަހަރު ދުއްވާ ފަރާތްތައް 1،500 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތުގެ ލައިސަންސް އިން ޑީމެރިޓް ޕޮއިންޓް ކަނޑަން އާ ގާނޫނުގައި ކަނޑައަޅައިފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅައި މިދިޔަ އޮކްޓޫބަރު މަހުގެ 26 ގައި މަޖިލީހުން ފާސްކޮށް، މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި، އެއްގަމު ދަތުރު ފަތުރުގެ އާ ގާނޫނުގައި ވަނީ، ކަފި ހުރަސް މަތިން ހިނގާ މީހުންނަށް ތަން ނުދީ އަދި ނުހުއްޓާ އުޅަނދު ފަހަރު ދިއުމަކީ މަނާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ދުވާރު މަތީގައި ނުވަތަ އެއްގަމު ދަތުރު ފަތުރުގެ ނިޒާމުގެ ތެރޭގައި މީހުން ހިނގުމަށް ހަދާފައިވާ ތަނެއްގައި ނުވަތަ ސަރަހައްދެއްގައި، އެއް ވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ދުއްވުމާއި ޕާކު ކުރުން މަނާކޮށް، އެއާ ހިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރުމާ އެކު، އެ ފަރާތުގެ ލައިސަންސް އިން ޑީމެރިޓް ޕޮއިންޓް ކަނޑަން ވެސް ވަނީ ކަނޑައަޅައިފައެވެ.

މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރައްވާފައި ވީ ނަމަވެސް، މި ގާނޫނަށް އަމަލު ކުރަން ފަށާނީ، ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރި ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *