ވަގު ޑޮލަރުތަކެއް ގެންގުޅެގެން ދިވެހި އަންހެނަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަަލައިގައި ހުކުމް ކޮށްފައިވަނީ، ގދ. ގައްދޫ، ދިލާވަރުގޭ ޝަފުރާ އަބްދުﷲ އާދަމްގެ މައްޗަށެވެ. މި މައްސަލައަކީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި، ހުސެއިން ޒައިދާން އަލީ ކިޔާ މީހަކާ އަދި އިތުރު ބަޔަކާއެކު ޝަފުރާ ސައްހަ ނޫން ޑޮލަރުން ވިޔަފާރި ކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރުކޮށް ދައުވާ އުފުލި މައްސަލައެކެވެ.
ޝަފުރާ އަތުން ސައްހަ ނޫން ޑޮލަރުތަކެއް ފެނިފައިވާ މި މައްސަލައަށް، ޝަރިއަތުގައި އޭނާ ވަނީ އިއުތިރާފުވެފައެވެ.
އިއުރާފްގެ މައްޗަށް ބުިނާކޮށް މި މައްސަލައިގައި އޭނާގެ މައްޗަށް ކުރީ، ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމުގެ ހުކުމެކެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުކޮށްފައި ހުރި، 43 ދުވަސް އެއިން އުނިކުރުމުން އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ ދެ މަހާއި ފަސް ދުވަހުގެ ހުކުމެކެވެ.
މި މައްސަލައިގައި ހިމެނޭ ޝަފުރާއަކީ، މީގެ ކުރިންވެސް އެކި ކަހަލަ ކުށުގެ މައްސަލަތައް އޮތް މީހެކެބވެ.
އެގޮތުން ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަންވެގެން ފުލުހުން އޭނާގެ ފޮޓޯ އާއްމުކުރިއެވެ. އަދި އާއިލާއަށް ފިލައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާގެ ހޯދަންވެސް އިއުލާންކުރިއެވެ.





