ސިނަމާލެ ބްރިޖް މަތިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާއަށް ހިނގާފައި ދިޔަ ދެ ބިދޭސީއަކަށް ފުލުހުން ނަސޭހަތްތެރިވެ، ދަތުރު ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓް 30 ވީ އާދީއްތަ ދުވަހުގެ ހަވީރު 17:00 އެހައިކަންހާއިރުއެވެ. ސިނަމާލެ ބްރިޖް މަތިން އެއާޕޯޓާ ދިމާއަށް މި ދެ މީހުން ހިނގާފައި ދަނިކޮށް ފެނުމާ ގުޅިގެން ޑިއުޓީގައި ތިބި ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެ މީހުންނާ ބައްދަލުކޮށްފައެވެ.
ފުލުހުން ވަނީ ސިނަމާލެ ބްރިޖަކީ އާންމުކޮށް ހިނގާފައި ދިއުން މަނާ، އަދި އެކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ސަރަހައްދެއްކަން އެ ދެ ބިދޭސީންނަށް ކިޔައިދީ، އެކަމަށް ނަސޭހަތްތެރިވެފައެވެ.
އަދި އެއަށްފަހު އެ މީހުން ދާން ބޭނުންވި މަންޒިލަށް ރައްކާތެރިކަމާއެކު ދިއުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ޓެކްސީއެއް ހޯދައިދީ ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.






