މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތް އެންމެ ގިނަވެގެން އަހަރެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހާއި ގުޅިގެން، ތިލަމާލެ ބްރިޖްގެ މަތިން ފުރަތަމަ ފަހަރަށް ހިންގަވާފައި ވިލިމާލެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަން އާއި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ބްރިޖުގެ މެދަކާ ހިސާބަށް ހިންގަވައި ވަޑައިގެންނެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ބަދަހި އަދި ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމްރާނީ ތަރައްގީގެ މަޝްރޫއެއް ކަމަށެވެ. އަދި މާލެއާއި ވިލިމާލެއާ ދެމެދު އެއްކޮށް ގުޅުވާލެވި، މި ކާމިޔާބީއާ ހަމައަށް ވާސިލުވެވުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެ ގައުމުގެ ސަރުކާރުން މި މަޝްރޫއަށް ދެއްވާ އިސްކަމާއި، ދެ ގައުމުގެ ހުރިހާ ލެވެލްއެއްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަން ރައީސް ފާހަގަކުރެއްވިއެވެ.
މަޝްރޫއުގެ ސްޕީޑާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ: "އިރާދަކުރެއްވިއްޔާ މި މަސައްކަތް މި ދާ ގޮތަށް ގޮސް ނިންމާލެވި، އަޅުގަނޑު އުންމީދު ކުރަނީ ގިނަވެގެން އަހަރެއްހާ ދުވަސްތެރޭގައި އިރާދަކުރެއްވިއްޔާ ނިމިގެންދާނެ ކަމަށް. ނިމުން ވެގެންދާނީ މުޅި މި ގްރޭޓާ މާލެ ސަރަހައްދުގެ ތަރައްގީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަކަށް."
މީގެއިތުރުން، މިފަދަ މުހިންމު ހުރިހާ މަޝްރޫއެއް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރަށާއި މަސައްކަތުގައި ހަރަކާތްތެރިވާ ދެ ގައުމުގެ ޓީމުތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ހަރަކާތުގެ ތެރެއިން ވާހަކަދައްކަވަމުން އިންޑިއާގެ ސަފީރު ޖީ. ބަލަސުބްރަމާނިއަން ވިދާޅުވީ، ބްރިޖުގެ ނިމިފައިވާ ބައިގައި ރައީސުލްޖުމްހޫރިއްޔާއާއެކު ހިންގަވާލެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އިންޑިއާއިން ބޭރުގައި އެ ގައުމުން ހިންގާ މިފަދަ ބިޔަ މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެންދިއުމުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ސަރުކާރާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިމުމުން، މިއީ ދިވެހިރާއްޖޭގެ އިގްތިސާދަށާއި ތަރައްގީއަށް ނުހަނު އަގުހުރި އަދި މުހިންމު އެސެޓަކަށް ވެގެންދާނެ ކަމަށެވެ.






