މަސްތުވެގެން ހުރެ މީހަކަށް ބިރު ދައްކައި ކާރު އަތުލައިގެން ގޮސް ސައިކަލާއި ކާރަކާއި ރުކެއްގައި ޖައްސައިފި

މަސްތުވެގެން ހުރެ މީހަކަށް ބިރު ދައްކައި ކާރު އަތުލައިގެން ގޮސް ސައިކަލާއި ކާރަކާއި ރުކެއްގައި ޖައްސައިފި

ފުވައްމުލަކުގައި ކާރެއްގެ ވެރިމީހާއަށް އަނިޔާކޮށް އެ މީހާ އަތުން ކާރު އަތުލައިގެން ދުއްވާފައި ގޮސް އެހެން ކާރަކާއި ސައިކަލާއި ރުކެއްގައި ޖައްސައި ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ މިއަދު އިރު އޮއްސި 6:22 ހާއިރު "ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށް ފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ" ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ކާރުން ޖެއްސި ސައިކަލުގައި އިން އަންހެން މީހާއަށާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށާއި ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ  އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އެކްސިޑެންޓުކުރަމުން ދިޔަ ކާރު ދުއްވަން އިނީ 35 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

"މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށް ފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް ވަނީ އެނގިފައެވެ." ފުލުހުންގެ މެސެޖެއްގައި ބުންޏެވެ.

މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *