ޔާމީން ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަ ހުރި ކަމެއް، އެކަމާ ގައުމުވެސް ލަދުވެތިވޭ: ފަލާހު

ޔާމީން ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަ ހުރި ކަމެއް، އެކަމާ ގައުމުވެސް ލަދުވެތިވޭ: ފަލާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަދަ ހާއިނަކު މިނިވަންވެފައި ހުރުމަކީ އެކަމާ ގައުމު ލަދުވެތިވާ ކަމެއް ކަމަށް މަޖިލީހުގެ އިނގުރައީދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ގާނޫނަކާ ހިލާފުވުމަށް ހިތްވަރުދީ ޔާމީން ދެއްކެވި ވާހަކަފުޅަކީ ސީދާ "ކުށަކަށް އަރައިގަތުމަށް ދިން ދައުވަތެއް" ކަމަށެވެ. އަދި އެކަމުން ފެންނަނީ އެމަނިކުފާނުގެ ހަސަދަވެރިކަމާއި ދަހިވެތިކަން ކަމަށްވެސް ފަލާހް ސިފަކުރެއްވިއެވެ.

ފަލާހް މިހެން ވިދާޅުވީ، ރޭ ފުވައްމުލަކު ސިޓީގައި ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ޔާމީން ވިދާޅުވީ ޑޮލަރު މާރުކުރުމުގެ މައްސަލައިގައި ހަމައެކަނި އަޑުއުފުލަންވީ މަޓީން ނޫން ކަމަށާއި، މި ބަދަލުގެ ދަތިކަން އެންމެ ބޮޑަށް ފޯރާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށްވާތީ ހުރިހާ ރިސޯޓުތަކުން ވެސް ކެރިގެން މި ގާނޫނާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށެވެ.

ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ފަލާހް އިތުރަށް ވިދާޅުވީ، ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ޔާމީން މިހާރު އެމްޑީޕީއާ ގުޅިވަޑައިގެން އުޅުއްވާ އުޅުއްވުމުން، އެމަނިކުފާނުގެ ބަހާއި އަމަލާ ދިމާނުވާކަން ސާބިތުވާ ކަމަށެވެ.

"މިއަދު ވެސް ޔާމީން ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަ ހުރި، އެކަމާ ގައުމުވެސް ލަދުވެތިވާ ކަމެއް،" ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް އަލިއަޅުއްވާލައްވަމުން ފަލާހް ވިދާޅުވީ، ދައުލަތުގެ ތެރެއިން ޔާމީން ވަގަށް ނަންގަވާފައިވާ ކަމަށް ބުނާ އެތައް މިލިއަން ޑޮލަރެއް އަނބުރާ ދައުލަތުގެ ހަޒާނާއަށް ހޯދިއްޖެ ނަމަ، ރާއްޖޭގެ ޑޮލަރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *