ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށް ސަރުކާރުން އެކުލަވައިލި ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި ބިލް މަޖިލީހަށް ފޮނުއްވިކަން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާއެއް ހޯދޭނެ މަގުތައް އެއްކޮށް ބަންދުކުރުމެވެ. އަދި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކޮށް ތަޢާރުފުކުރުމަކީވެސް މި ބިލުގެ މުހިންމު މަޤްޞަދެކެވެ.

މި ޤާނޫނު ވުޖޫދުވުމުން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ޤާނޫނީ ހުރަސްތަކާއި ގޮންޖެހުންތަކަށްވެސް މި ބިލުގެ ސަބަބުން ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *