ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި، މިއަދުގެ މަޖިލިސް ޖަލްސާގެ ތަޅުމުގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހާޒިރުވެ ވަޑައިގެން ނެތުމުން މިނިސްޓަރާ ސުވާލު ކުރުމުގެ ފުރުސަތު އެ މެންބަރަށް ގެއްލިއްޖެއެވެ.
މިއަދުގެ ޖަލްސާގައި މެންބަރު މައުރޫފު ޒާކިރު ސުވާލު ކުރެއްވުމަށް އެޖެންޑާކޮށްފައި ވަނީ، މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުالله ރާފިއު އާއެވެ. ލިއުމުން ޖަވާބު ހޯއްދެވުމަށް އެ މެންބަރު މިނިސްޓަރާ ދެ ސުވާލު ކުރައްވަން އެޖެންޑާ ކުރައްވާފައިވެއެވެ.
އެއް ސުވާލަކީ 11 އޮގަސްޓު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. ކުޑަރިކިލު ރައްޔިތުންނާ ބައްދަލު ކުރައްވައ،ި އެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތެއް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް އިއުލާނު ކުރެއްވި މަޝްރޫއަށް ބޭނުންވާ ބިން ހަވާލުކުރުމަށްފަހ،ު މިހާރު މަޝްރޫއުގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށާއި، މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތުގެ މަސައްކަތް އަލުން ފަށައި ނިންމާލެވޭނީ ކޮން ތާރީހެއްގައިތޯ އޮޅުން ފިލުއްވުމަށެވެ.
އަނެއް ސުވާލަކީ ބ. ދޮންފަނުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް އެޗްޑީސީ އަދި އެމްއޭސީއެލްއާ 2025 ވަނަ އަހަރު ހަވާލުކޮށްފައިވީ ނަމަވެސް މިއަދާހަމައަށް މަސައްކަތްފެށިފައި ނުވާ މައްސަލަ އާއި އެ މަސައްކަތް ފަށައި ނިންމޭނެ ތާރީހެއް އޮޅުން ފިލުއްވުމަށެވެ.
މިއަދުގެ ޖަލްސާގައި ސުވާލު ކުރަން އޮތް ވަގުތު މެންބަރު ތަޅުމުގައި ނެތުމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ވިދާޅުވީ، މެންބަރު ތަޅުމުގައި ނެތުމުން ސުވާލު ކުރުމުގެ ބައި ނިމުނީ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ވަޒީރަކާ ކުރެއްވުމަށް މެންބަރަކު އެދިލައްވާފައިވާ ސުވާލެއްގެ ނޯޓިސް އެ ވަޒީރަކަށް ލިބުމަށްފަހު އެ ސުވާލު ކުރުމަށް މަޖިލީހުުގެ ތަޅުމުގައި، މަޖިލިސް ރައީސް އެމެންބަރަކަށް ދޭ ފުރުސަތުގައި އެ ސުވާލު އެމެންބަރަކު ނުކޮށްފިނަމަ ސުވާލު ކުރުމަށް އެ މެންބަރަކަށް ދެވެނަ ފުރުސަތެއް ނުދެވޭނެކަަމަށް ވަޒީރުންނާ ސުވާލު ކުުރުމުގެ ގާނޫނުގައި ބުނާ ކަމަށެވެ.
"މިއަދުގެ ޖަލްސާގައި ސުވާލު އެޖެންޑާ ކުރެވި އެ ސުވާލު ކުރުމަށް މެންބަރަށް ފުރުސަތު ދެވާފައިވަނީ، ނަމަވެސް ތަޅުމުގައި ހާޒިރުވެވަޑައިގެނެއް ނެތް، އެހެން ކަމުން ގާނޫނުގައިވާ ގޮތުގެ މަތިން ސުވާލު ކުރުމަށް ދެވަނަ ފުރުސަތެއް އެ މެންބަރަށް ނުދެވޭނެ ވާހަަކަ ދަންނަވަން،" މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވިއެވެ.






