ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނަގަން "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން ފޮނުވި ގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލު ފާސްކުރީ މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން، ތުޅާދޫ ދާއިރާގެ އާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އަބްދުކް ހައްނާން އަބޫބަކުރާއި ވެލިދޫ ދާއިރާގެ އެމްޑިއޭގެ މެންބަރު މުހައްމަދު އައްބާސްއާ އެކު ޕީއެންސީގެ 64 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އިދިކޮޅު އެމްޑީޕީ މެންބަރުން އެ ބިލު ފާސްކުރަން ވޯޓެއް ނުދެއްވައެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށް ދިޔައިރު މި ބިލާ ގުޅުން އޮތް އެކި ދާއިރާތަކާ މަޝްވަރާ ކުރުމުގެ މުހިއްމުކަމާއި އެކަމުގައި ހުރި ކަންބޮޑުވުތަކާ ބެހޭގޮތުން ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ މެގޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެ ބިލް ފާސްކުރާނީ ޓޫރިޒަމް ދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
އެ ދުވަހު ފަލާހު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި އެ ބިލާ ބެހޭގޮތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސްއްކަތް ކުރާ ހުރިހާ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ބިލު މިއަދު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ އެ އިސްލާހުތަކާ ބެހޭގޮތުން އެއްވެސް ފަރާތެއް ކޮމިޓީއަށް ހާޒިރު ނުކޮށެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ސަރުކާރުން ފޮނުވާފައިވާ ގޮތަށް، އެއްވެސް އިސްލާހެެއް ނުގެނެސް އެ ބިލު ކޮމިޓީން ފާސް ކުރަން ހުށަހެޅުއްވީ ވެސް ފަލާހެވެ. ތާއީދު ކުރެއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒު ކުރުމަށްޓަކައި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާން ކުރުން ކަމަށެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ގާނޫނަށް ގެންނާން ޖެހޭ އެނޫން ވެސް އިސްލާހުތައް ގެނައުން ކަމަށްވެސް ބުނެފައިވެއެވެ.
މި ބިލުގައި ބުނެފައިވަނީ ބިލު ފާސްކޮށް އެ އިސްލާހުތަކާ އެއްގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްދާ 1،309.2 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު 1،608.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށެވެ.
މި ބިލުގައި ޖީއެސްޓީ ނަގަން ހިމަނާފައި ވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އިތުރުން އޯވަސީސް ޓްރެވަލް އެޖެންޓުތަކެވެ. މީގެ އިތުރުން، މި ނިޒާމު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އިތުރަށް ހަރުދަނާ ކުރުމަށް ވެސް އިސްލާހުތަކެއް ބިލުގައި ވަނީ ހިމަނައިފައެވެ.
މި ބިލުގައި ބުނާގޮތަށް ޖީއެސްޓީ ނެގުމަށް ކަނޑައަޅާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެންނެވެ.






