ޕެޓިޝަނެއްގައި ހަމަވާންޖެހޭ ޝަރުތެއް އުނިކުރަން ހުށަހަޅައިފި

ޕެޓިޝަނެއްގައި ހަމަވާންޖެހޭ ޝަރުތެއް އުނިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކޮންމެ ޕެޓިޝަނެއްގައި ހަމަވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތުތަކުން ޝަރުތެއް އުނިކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގައި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރެއިން ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) އުނިކުރަން ހުށަހަޅުއްވާފައި ވަނީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.

މަޖިލިސް ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ނުވުމެވެ.

މެންބަރު މަމްދޫހު ހުށަހަޅާފައިވާ މި މައްސަލަ މަޖިލިސް ތަޅުމުގައި އިއުލާން ކުރެއްވުމަށްފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

މަޖިލިސް ގަވާދުގައި ހިމެނޭ ޕެޓިޝަނާބެހޭ މާއްދާއިން އަކުރެއް އުނިކުރަން ހުށަހަޅާފައި މިވަނީ، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން ގޮވާލާ ހުށަހެޅި ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރަންޖެހޭ ވަރަށް ސޮއި ހަމަވެފައި ވަނިކޮށެވެ.

އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެޖެންޑާ ކުރުމަށް މަޖިލިސް ރައީސްގެ ސަމާލު ކަމަށް ގެންނަން ޕެޓިޝަން ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފިއެވެ.

އޭގެ އިތުރުން އެ އިސްލާހު އޮތް ގޮތަށް މަޖިލީހުން ފާސްކޮށްދިނުމަށް ގޮވާލާ ޕެޓިޝަންގައިވެސް މިހާރު ވަނީ ސޮއިކުރަން ފަށައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *