ވަކި ވަކި ފަރުދުންނަށް ބޭންކު ރޭޓްގައި ޑޮލަރު ލިބޭނެ ވަރަށް ގިނަ ގޮތްގޮތް ސަރުކާރުން އިންތިޒާމު ކޮށްފައިވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ވބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އެތައް ހިދުމަތްތަކެއް ތައާރަފްކޮށްފައިވާނެ ކަމަށެވެ.
"މިއަދު ސަރުކާރުން ވަކި ވަކި ފަރުދުންނަށް ތައާރަފްކޮށްދީފަ މިހިރަ ހިދުމަތްތަކުން ޑޮލަރު ބޭންކު ރޭޓުގައި ލިބޭނެ ވަރަށް ގިނަ ގޮތްގޮތުން ހުންނާނެ، އުމްރާއަށްދާ މީހަކަށް 1000 ޑޮލަރު ލިބޭނެ، ހައްޖަށްދާ މީހަކަށް 1000 ޑޮލަރު ލިބޭނެ، އާސަންދަ ހިދުމަތް ލިބޭ ބޭފުޅަކަށް ބޭސް ފަރުވާއަށްދާން 2000 ޑޮލަރު ލިބޭނެ މިހެން އައިސް ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދަންޏާމު ހޮޓަލަށް ފައިސާ ދައްކަން 1000 ޑޮލަރު ލިބޭނެ މިހެން އައިސް ގާތް ގަޑަކަށް އާއްމު ފަރުދަކު ބޭނުންވާ އަދަދަށް ބޭންކުރޭޓަށް އެބަލިބޭ ޑޮލަރު،" ފަލާޙު ވިދާޅުވިއެވެ.
ރާއްޖޭގައި ޑޮލަރު އަގު އުފުލަމުންދާ މައްސަލައިގައި ކަންބޮޑުވން ފާޅު ކުރައްވައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ޑޮލަރުގެ އަދު ހަމަ ރޭޓަށް ގެނެވޭނީ އެބޭފުޅުންނަށް ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވަމުން އަންނަ ކަމަށެވެ.
"އަދިވެސް މި ބޭފުޅުން މި ބުނަނީ އެމީހުންނަށޭ ޑޮލަރުގެ އަގު ހަމަ ރޭޓަށް ގެނެވޭނީ، ކޮންބައެއްތޯ، ބާރަ ހަތްދިހަ ފަހަކަށް ޑޮލަރު ހުއްޓާ ފަނަރަ ސާޅީސްދޭކަށް ޑޮލަރު މަތިކުރީ، އެމްޑީޕީ ވެރިކަމުގައި، އެމްޑީޕީ ވެރިކަމުގައި ކުރިކަމެއް މިވެސް ކޮންބައެއްތޯ ބުނީ ޑޮލަރުގެ އަގު ހަމަ މަގަށް ގެނައުމަށްޓަކައި ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓާނަމޭ ގައިމުވެސް އެއީ މި ސަރުކާރުން ދެއްކި ވާހަކައެެއްނޫން،" ފަލާހު ވިދާޅުވިއެވެ.






