ތިން މިނިސްޓްރީ ރޯކޮށްލީކީ ނޫން، ރޯވީ: އިހުސާން

ތިން މިނިސްޓްރީ ރޯކޮށްލީކީ ނޫން، ރޯވީ: އިހުސާން

ހައުސިން މިނިސްޓްރީ ހިމެނޭހެން ދެ މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި ޓިނު ބިލްޑިން އާއި އެ ތަނާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ރޯވި އަލިފާނުގެ ހާދިސާއަކީ ބަޔަކު ހުޅުޖަހައިގެން ހިނގި ހާދިސާއެއް ނޫން ކަަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓ،ީ ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން ފިއްޓޭ ވިދާޅުވީ، ތިން މިނިސްޓްރީ އަނދައިގެން ދިޔަ ހާދިސާއަށް އަންނަ ޑިސެމްބަރު މަހަށް ދެ އަހަރުވާނެ ކަަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ 23 ގައި ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކަމުގެ ތަހުގީގުން ނިމިފައިވާ ކަމަށާއި އަންނަ ހަފްތާގައި އެ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް މިނިސްތަރު އޭރު ވިދާޅުވި ނަމަވެސް އެކަމުގެ މައުލޫމާތެއް މީޑިއާއަކުންވެސް ހާމަކޮށްފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން އެކަން ހިނގައި ދިޔައީ ކީއްވެތޯ އާއި އެކަމުގައި ލިބުނު ގެއްލުމަކީ ކޮބައިތޯ، ފިއްޓޭ ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާއެކު އެހާދިސާ ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި އެ ހާދިސާ ހިނގީ ކަރަންޓް ވަޔަރު ތަކެއްގައި ރޯވެގެން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އެތަނަށް ދިޔަ ފުލުހުންގެ ބޮޑީކެމްގެ ފުޓޭޖް ތަކުންވެސް އެކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިސެމްބަރު، 2024 ގައި ހިނގި އަލިފާނުގެ ހާދިސާގައި، އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިން އާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީވެސް ހިންގާ ޓިނު ބިލްޑިން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އެ ހާދިސާއަށްފަހު، ތިން މިނިސްޓްރީ ވަގުތީ ގޮތުން މިހާރު ހިންގަނީ ދަރުބޭރުގޭގަ އެވެ.

ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގެ ތަހުގީގު ފުރަތަމަ ދުވަހު ވެސް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *