އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލް ތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާންއެވެ.
ގާނޫނަށް އެ އިސްލާހުތައް ގެނައުމުގެ މައިގަނޑު ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރު ކުރުން ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން، މި އިސްލާހު ގެންނަންޖެހޭ ސަބަބުތަކުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ކައުންސިލް މެންބަރުގެ ސުލޫކީ މިންގަޑު ކަނޑައަޅާފައިވަނީ، ލާމަރުކަޒީ ގާނޫނުގެ 16 ވަނަ ބާބުގައެވެ.
އެގޮތުން ކައުންސިލް މެންބަރުން މަސައްކަތުގައި ގެންގުޅެންޖެހޭ އާންމު އުސޫލު ކަމަށް ހަތް ކަމެއް ކަނޑައަޅައި، ކައުންސިލަރުންނަކީ، އެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އެ އުސޫލުތައް ނަގަހައްޓާނެ މީހުން ކަމަށް އެ ބާބުގައި މިހާރު އޮތީ ބަޔާންކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނޭ ހަތް ކަންތައް:
- ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް އަހުލުވެރި ވެފައިވާ ބަޔަކަށްވުން
- ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލު ކުރުމަށްޓަކައި އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން
- ކައުންސިލްގެ ހިދުމަތް ލިބިގަންނަ މީހުންނާ މުއާމަލާތު ކުރުމުގައި އިހުލާސްތެރިކަމާއި އަބުރުވެރިކަމާއެކު ކައުންސިލްގެ ހިދުމަތުގެ ދާއިރާގައި އަމަލުކުރެވޭ ހަމަތަކުގެ ތެރޭގައި، ފަރުވާތެރިކަމާއެކު ހިދުމަތްދޭ ބަޔަކަށްވުން
- ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން
- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލަށް ރައްކާތެރިވާ ބަޔަކަށްވުން
- ކައުންސިލްގެ މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް ބޭނުން ކުރުމުގައި އިގުތިސާދު ކުރުމާއެކު، އެންމެ ފައިދާހުރި ގޮތުގައި ރަސްމީ ބޭނުން ތަކަށް ނުވަތަ ހުއްދަ ކުރެވިފައިވާ ބޭނުން ތަކަށް އެ އެއްޗެހި ބޭނުންކުރާ ބަޔަކަށްވުން
- ކައުންސިލްގެ އިދާރާގެ ރަސްމީ ވަގުތުތައް، ރަސްމީ ވާޖިބުތައް އަދާކުރުމަށް ހޭދަކުރާ ބަޔަކަށްވުން
ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، އެ ކަންކަމުގެ ތެރެއަށް ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުން، އެ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން ކައުންސިލް މެންބަރުން ކޮށްގެން ނުވާނެ ފަސް ކަމެއްވެސް އެ ބާބުގައި މިހާރު ކަނޑައަޅާފައި އޮވެއެވެ.
އެ ފަސް ކަމަކީ:
- ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތް ކުރުމާއި އަދި އެއިން ކަމަކަށް ބުރޫއަރާ ފަދަ އަމަލުތަކާއި ކައުންސިލްގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން
- ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރުން
- އަމިއްލަ ނުވަތަ އާންމު ފަރާތްތަކަށް ކައުންސިލުން ދޭ ހިދުމަތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލުކުރުން
- ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުން
އެއްވެސް ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ އަމިއްލަ ބޭނުމެއް ހާސިލު ކޮށްދިނުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރުން
މި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާގައިވާ ބިލުގައި، އެ ފަސް ކަމުގެ ތެރެއަށް، ސަަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ކައުންސިލް މެންބަރުން އަމަލު ކުރުން، ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން، އިތުރުކުރަން ބިލުގައި ވަނީ ހުށަހަޅައިފައެވެ.






