ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯނާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ މައްސަލައެއް މިމަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށެވެ. އެ ފޮށީގައި ތިންލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެކަމަަށް މައްސަލަ ހުށަހެޅިފަރާތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލަ ހުށަހެޅުމާއެކު އެ ފޮށި ހޯދުމުގެ މަސައްކަތް ފުލުހުން ފެށިކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، އެ ފޮށި ވަގަށްނެގި މީހާ ދެނެގަނެ ފޮށި ގެންދިޔަ ތަން ފުލުހުން ދޯދާފައިވާ ކަމަށްވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން، ހައްޔަރުކޮށްފައިވަނީ، ލ. މުންޑޫ ސެވެންސްޓާ އަލީ ނާޒިމް (44އ) ހައްޔަރުކޮށް، އޭނާ ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު 248,500 އަށްވުރެ ގިނަ ރުފިޔާ އާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






