މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ގެ ނަމުގައި "ޕާލް ރެޒިޑެންސް ވިސާ"ގެ ނަމުގައި އިންވެސްޓަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ތައާރަފު ކުރާ ރެޒިޑެންސް ވިސާ މަޝްރޫއު ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި ޕާލް ރެޒިޑެންސް ޕްރޮގްރާމާ ގުޅޭ ހުރިހާ އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ސާފު ކުރަން ވަނީ ހުށަހަޅައިފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ރާއްޖެ- ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރާއްޖޭން ވަނީ ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ ސާވިސް އެގްރިމެންޓުގައި ހެންލީ އެންޑް ޕާޓްނާސްއާއެކު ސޮއި ކޮށްފައެވެ.
އޭގެ ފަހުން މިދިޔަ މާޗު މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީީ އެ ވިސާ ތައާރަފު ކުރުމަށް އެޓާނީ ޖެނެރަލްއާއެކު ގާނޫނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޝަމްހީދުގެ ގަރާރުގައި ވަނީ މޯލްޑިވްސް ޕާލް ރެޒިޑެންސީ ޕްރޮގްރާމުގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ބަދަލުގައި އިދާރީ ނިންމުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެ ވިސާއާ ގުޅޭ މަސައްކަތްތައް ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފައިވަނީ އެއާ ގުޅޭ މާލީ އަދި ގާނޫނީ މައުލޫމާތު މަޖިލީހާ ހިއްސާނުކޮށް ކަމަށް ވެސް ގަރާރުގައިވެއެވެ.
ގަރާރުގައި ވަނީ، ދައުލަތަށް އާމްދަނީ އެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެ ނޫން ވެސް އެއްޗެއް ނަގަންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، ބިދޭސީންނަށް ދިރިއުޅުމުގެ ހުއްދަ ދޫކުރުމަކީ އިމިގްރޭޝަނާއި ގައުމީ ސަލާމަތާއި ޓެކްސް އަދި ރާއްޖޭގެ ބިންތަކާއި ދައުލަތުގެ މާލިއްޔަތާ ސީދާ ގުޅިފައިވާ ބާރެއް ކަމަށްވެސް ބުނެފައވެއެވެ.
މިފަދަ ސިޔާސަތެއްގެ އެންމެ މަތީ ދަރަޖައިގެ ހާމަކަމާއި ޖަވާބުދާރީވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ބެލެނިވެރިކަމުގެ ދަށުން ކުރިއަށް ގެންދިއުން ލާޒިމު ކަމަށްވެސް ގަރާރުގައިވެއެވެ.
ގަރާރުގައި ވަނީ އެ މަޝްރޫއާބެހޭގޮތުން ގަރާރުގައި ބަޔާން ކޮށްފައިވާ ކަންބޮޑުވުން ތަކަށް ރިއާޔަތްކޮށް، މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސް ކޮށްފައެވެ.
އެގޮތުން އިންވެސްޓްމަންޓް މެދުވެރިކޮށް ރެޒިޑެންސް ދިނުމާގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން އެ ޕްރޮގްރާމްގެ ހުށަހެޅުންތައް ބަލައި ގަރުމާއި، ޕްރޮސެސް ކުރުމާއި ހުއްދަދިނުން ވަގުތުން ހުއްޓައިލުމަށް ވަނީ އެދިފައެވެ.
ހެންލީ އެންޑް ޕާޓްނާސް އާއި އެ ކުންފުންޏާ ގުޅުންހުރި ފަރާތްތަކާއެކު ވެފައިވާ އެންމެހައި އެއްބަސްވުންތަކާއި، ފީތަކާއި ކ ޮމިޝަން ތަކާއި، އެކްސްކްލޫސިވިޓީގެ ޝަރުތުތައް ހިމެނޭގޮތަށް، އެއްވެސް އުނިކުރުމެއްނެތި، 14 ދުވަހުގެ ތެރޭގައި މަޖިލިހަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.
އޭގެ ތެރެއިން ހަތްކަމަކަށް އެ ގަރާރުގައި އިލްތިމާސްކޮށްފައިވާއިރު، އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އަޅަންޖެޙޭ ފިޔަވަޅުތަކެއްވެސް ގަރާރުގައި ހިމަނާފައިވެއެވެ.
އެގޮތުން ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން އިކޮނޮމިކް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އާއި ކޮންޓްރޯލާ ޖެެނެރަލް އޮފް އިމިގްރޭޝަން އާއި އެމްއެމްއޭގެ ގަވަރުނަރު ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާކު ކުރުމާއި، މި މައްސަަލަ ކަމާބެހޭ ދާއިމީ ކޮމިޓީއަކަށް ފޮނުވައިގެން 60 ދުވަހުގެ ތެރޭގައި މަޖިލީހަށް ރިޕޯޓް ހުށަހެޅުމަށް ވަނީ ހިމަނައިފައެވެ.






