ހުޅުމާލެއިން ކުނި އުކާލުމުގެ މަސައްކަތުގެ ތެރެއިން ފަޅުތެރެއަށް ކުނި އެޅި، ތަޣައްޔަރުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއަށް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލު (މުޖޭ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު، ހާލަތު ދައްކައިދޭ ފޮޓޯއާއި ވީޑިއޯއާއެކު ވެމްކޯގެ އެމްޑީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ހުޅުމާލެއިން ކުނި އުކާލުމުގެ މަސައްކަތް ކުރާއިރު ފަޅުތެރެއަށް ކުނި އެޅި ހަޑިވަމުންދާ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، ފަޅުތެރެއަށް ކުނި އެޅެން މެދުވެރިވާ މައިގަނޑު ސަބަބު ސާފުކޮށްދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުޖުތަބާ ޖަލީލު ވިދާޅުވީ، ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅުމަކީ ވެމްކޯއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. ފަޅުތެރެއިން ފެންނަނީ ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި ކަމަށާއި، އެ ފުޅިތަކަކީ ވެމްކޯއިން އުކާލާ ކުނި ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. މުޖުތަބާ ވިދާޅުވީ ހުޅުމާލެއިން ޕްލާސްޓިކް ފުޅި އެއްކުރަނީ 'ޕާލޭ' އަދި 'މޫޕާ' (MOPA) އިން ވަރަށް ޒިންމާދާރުކަމާއެކު ފިއްތާލައިގެން ކަމަށާއި، ނަމަވެސް ފަޅުތެރެއިން ފެންނަނީ ހުރިގޮތަށް އުކާލާފައިވާ ފުޅިތައް ކަމަށެވެ.
މުޖުތަބާ އިތުރަށް ވިދާޅުވީ، އެއްވެސް ސަފާރީ އުޅަނދަކުން ސީދާ ވެމްކޯގެ ސައިޓަކަށް ކުނި ނުގެންނަ ކަމަށާއި، އެހެންކަމުން އެ އުޅަނދުފަހަރުގެ ކުނިތައް ދަނީ ކޮންތަނަކަށްތޯ ބަލަންޖެހޭ ކަމަށެވެ. ހުޅުމާލޭ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަކީ ވެމްކޯގެ ރަސްމީ ޒިންމާއެއް ނޫން ނަމަވެސް، ރައްޔިތުންނަށްޓަކައި ހަފްތާއަކު ތިން ދުވަހު ޚާއްޞަ ޑިންގީއެއް ބޭނުންކޮށްގެން ފަޅުތެރެ ސާފުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމުގައި ފަޅު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާ ވަރަށް ބޮޑު. ސުވާލު އުފައްދާ ފަރާތްތަކުން މިކަމަށް ވިސްނާލުން ރަނގަޅު،" މެންބަރުގެ ސުވާލުތަކަށް އިޝާރާތް ކުރައްވައި މުޖުތަބާ ވިދާޅުވިއެވެ.
ހުޅުމާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީއާއި ވެމްކޯ ގުޅިގެން މަސައްކަތް ކުރަމުންދާއިރު، އެޗްޑީސީން ވަނީ ދާދިފަހުން ވެމްކޯއަށް އެ ސަރަހައްދުން ވަގުތީ ބިމެއްވެސް ދީފައެވެ. މި މައްސަލާގައި އީޕީއޭ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސަމާލުކަމަށްވެސް ވެމްކޯގެ އެމްޑީ ވަނީ މިކަން ގެންނަވާފައެވެ.





