ކޮންމެ މީހަކަށްވެސް މަދުވެގެން އެއްފަހަރު ނަމަވެސް މި ތަޖުރިބާ ކުރެވިފައިވާނެއެވެ. އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ރޭގަނޑު ދެބައިވެ، ފަތިހު 3 ނުވަތަ 4 ޖަހާ އެހާކަންހާއިރު ހޭލެވުމެވެ. މުޅި ގޭތެރެއަށް ހިމޭންކަން ވެރިވެފައިވާއިރު، އަލުން ނިދަން އުނދަގޫވުމަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. މި ވަގުތަކީ ރޫހާނީ ގޮތުންނާއި ސިއްހީ ގޮތުން ތަފާތު މާނަތަކެއް ކުރެވޭ ވަގުތެކެވެ. ނަމަވެސް ސައިންސްވެރިން މިކަމާ ބެހޭގޮތުން ބުނަނީ ކީކޭ ހެއްޔެވެ؟
ނިދުމާ ބެހޭ މާހިރުން މާނަކުރާ ގޮތުގައި އަހަރެމެންގެ ނިދި ބެހިގެން ވަނީ ކޮންމެ 90 މިނެޓާއި 120 މިނެޓަކުން ތަކުރާރުވާ ބުރުތަކަކަށެވެ (sleep cycles). ރޭގަނޑުގެ ކުރީކޮޅު އަހަރެމެން ގިނައިން ހޭދަކުރަނީ ވަރަށް ފުން ނިދީގައެވެ. ނަމަވެސް ފަތިސްވާން ކައިރިވުމުން، ހަށިގަނޑުގެ ނިދި މަޑުމަޑުން ލުއި ނިދީގެ މަރުހަލާތަކަށް ބަދަލުވެއެވެ. ފަތިހު 3 އާއި 4 އާ ދެމެދު ގިނަ މީހުން ތިބެނީ މިފަދަ ލުއި ނިދީގެ މަރުހަލާއެއްގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކުޑަ އަޑަކަށް ނުވަތަ ފިނިހޫނުމިނަށް އަންނަ ބަދަލަކަށްވެސް ހޭލެވުން ގާތެވެ.
މި ވަގުތު ހޭލެވުމަށް މެދުވެރިވާ އެންމެ އާންމު އެއް ސަބަބަކީ ނަފްސާނީ ބަލިމަޑުކަމާއި ހާސްކަމެވެ (stress and anxiety). މުޅި ދުނިޔެ ހިމޭންވެފައިވާ މިފަދަ ވަގުތެއްގައި، ސިކުނޑީގައި ހުންނަ ނުނިމި ހުރި ފިކުރުތައް ކުރިލާން ފަށައެވެ. ނިދަން އުނދަގުލެއް ނެތް މީހަކަށް ވީނަމަވެސް، ދިިރިއުޅުމުގެ ކަންކަމާ މެދު މާބޮޑަށް ފިކުރުބޮޑުވާނަމަ، ފަތިސްދަމު ސިކުނޑި ހޭލަން މެދުވެރިވެއެވެ. ދިގު މުއްދަތަކަށް ހާސްކަމުގެ ތެރޭގައި އުޅޭ މީހުން ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށް ހޭލެވޭ ކަމަށް ރިޕޯޓުކުރަނީ މި ސަބަބަށްޓަކައެވެ.
އެހެންކަމުން، ފަތިހު 3 ނުވަތަ 4 ޖަހާއިރު ހޭލެވުމަކީ ހަށިގަނޑުގެ ނިދީގެ ބުރުތަކަށް އަންނަ ބަދަލަކަށް ވާއިރު، މިއީ ހާސްކަމާއި ފިކުރުތަކުން ދުރުވުމަށް ލިބޭ އިޝާރާތަކަށްވެސް ވެދާނެއެވެ.





