އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ

ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ރަގަޅު ކުރުމަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އިން ފެށިގެން 31ގެ ނިޔަލަށް ކަމަށެވެ.

ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާއި ރަސްމީކޮށް ހަވާލުކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކަރަންޓް ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ މަސައްކަތްތައް މިމަހުގެ 21 އިން ފެށިގެން 31ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ހުޅުމާލެ 2ވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ، އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ، މައާފަށް އެދިފައެވެ. މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ ކަމަކަށްވާތީ މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވެފައިވަނީ، މިދިޔަ ޖޫންމަހުގެ ތެރޭގައެވެ. މާލެ ސަރަޙައްދުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަންނަނީ، މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *