މާލޭގެ މަގުތައް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢުއާއެކު މަގުތަކަށް ދިމާވެފައިވާ ޒަމާންވީ ބޮޑު މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް އަލި އަޅުވާލައްވާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ހަދަނީ މާލެއާއި ވިލިމާލޭގެ މަގުތަކެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި މާލޭގެ މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުއެއް ކުރިއަށްގެންދިވިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އޭގެ ފަހުން މަގުތައް ރަނގަޅަށް ނުބެލެހެއްޓި ޒަމާންތަކެއް ދިޔަކަމަށެވެ. އަދި މާލޭގެ އާބާދި އިތުރުވެ ގިނަ އަދަދެއްދެ ވެހިކަލްތަކާއެކު މަގުތައް ބޭނުންކުރާ މިންވަރު އިތުރުވެ މަގުތައް ހަލާކުވެ ދިޔުންފަދަ ގިނަ ކަންތައްތަކެއް ކުރިމަތިވެ މަގުތަކުގައި ފެންބޮޑުވުންފަދަ އެތައް މައްސަލަތަކެއް ދިމާވިކަމަަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ގަނައުމަށް އެމަނިކުފާނު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރާއި މޭޔަރަކަށް ހުންނެވި ދުވަސްވަރުގައި ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެންމެބޮޑުކަމަކަށް އޭރު އޮތީ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގަނައުންކަމަށް ރައީސް ވިދާޅުވިއެވެ.
"މާލޭގެ މަގުތައް އެކި ސަބަބުތަކާ ހުރެ ފެންބޮޑުވާގޮތަށް މަގުތައް އޮންނަނީ. އޭރުވެސް ސްޓޯމްވޯރޓަ ހަރުކުރުމުގެ މަޝްރޫޢުތަކެއް އެކި ފިޔަވަހިތަކަކަށް ބަހަލައިގެން ކުރިއަށްގެންދިޔަ. އެކަމުގެ ނަތީޖާވެސް ރަނގަޅު. ނަމަވެސް ދާއިމީ ހައްލެއް އިސްފައިނުވޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މާލޭގެ މަގުތަކަށް ދިމާވެފައިވާ ޒަމާންވީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ ލިބިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މާލޭގެ ބައެއް މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރައްވާނެކަމަށެވެ. އަދި ބައެއް މަގުތައް ގައު އަތުރައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދަނީ ޑީވޯޓަރިން ސިސްޓަމްތަކާއި އަލީފާންގެ ހާދިސާއަށް ބޭނުންވާ ނިޒާމްތައް ޤާއިމްކޮށް ޒަމާނީ ފެންވަރަށްކަމަށެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖެހި، އަމަލީ މަސައްކަތާ ހަމައަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި މި މަސައްކަތް މިއަހަރު ނިމެންވާއިރަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ ރައީސް މައުމޫންގެ ދުވަސްވަރު ކުރިއަށްގެންދިޔަ މަޝްރޫޢުއަށްފަހު ދެން ކުރިއަށްގެންދާނެ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫޢުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ޒަމާންތަކެއް ވީ ބޮޑު މައްސަލައަށް މި އަންނަނީ ހައްލެއް. އޭގެ ތެރޭގައި ހަމައެކަނި ފަސޭހަ ހިތްގައިމު މަގުތަކެއް ލިބެނީކީ ނޫން. ފެންބޮޑުވުމުގެ މައްސަލަ ހައްލުވެ، ޑީވޯޓަރިން މައްސަލަ ހައްލުވެ، އަލިފާން ނިއްވުމުގެ މައްސަލަ ހައްލުކުރެވި، ޕާކިން މައްސަލައަށް ރަނގަޅު ހައްލެއް އައިސް، ހަނި ގޯޅިތަކުގައި ހިނގާބިނގާވެ އުޅުމަށާއި ދުއްވަން ފަސޭހަވާނެގޮތަށް ކަންކަން ހަމަޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މިދިޔަ ސަރުކާރުން އަމީނީ މަގު މަސައްކަތްތައް ކުރިއަށްގެންދިޔަނަމަވެސް މަގު ނިންމާފައި އޮތީ ވަރަށް ފެންވަރު ދަށްކޮށްކަން ފާހަގަކުރައްވާފައެވެ. އެ މަސައްކަތް ނިނމުނުތާ 2 އަހަރު ނުވަނީސް ތަންތަންގަނޑު ނެއްޓިފައި ހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ މިހާރު އެމަގު އަލުން މަރާމާތު ކުރަންޖެހިފައިވާކަމަށް ވިދާޅުވެފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުންދާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް މިހާރުކުރިއަށްގެންދާ މަސައްކަތުގެ ބޮޑު ބައެއްވަނީ ނިންމާލާފައެވެ.






