ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު ހުށަހެޅިފައިވަނީ ސައިބާ ކްރައިމްގެ 512 މައްސަލަ އެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފަ އެވެ.
ފުލުހުން ބުނީ ސައިބާ ކުށްތަކާ ގުޅޭ 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ނިންމައި ފައިލްކޮށްފައިވާ ކަމަށެވެ.
ސައިބާ ކްރައިމްގެ މައްސަލަތައް އިތުރުވުން
ފުލުހުން ބުނީ ސައިބާ ކުށްތަކުގެ ނިސްބަތް އުފުލުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމަށެވެ. ތަފާސްހިސާބުތަކުން ދައްކައިދެނީ ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާ މިންވަރު ކަމަށް ފުލުހުން ދެކެ އެވެ.
ވަކިވަކި ކުށްތަކަށް ބަލާއިރު އޮންލައިން ޝޮޕިން ސްކޭމްގެ ކުށްތައް ވަނީ 86 އިން 464 އަށް އިތުރުވެފަ އެވެ. މިއީ 439 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ މުޅި ސައިބާ ކްރައިމްގެ ބާވަތްތަކަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ރިޕޯޓުކުރެވުނު، އަދި އެންމެ ބޮޑަށް އިތުރުވި ބާވަތެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވެ އެވެ. މިއީ 626 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 56 އިން 103 އަށް އިތުރުވެ، 83 އިންސައްތަ ވަނީ އިތުރުވެފަ އެވެ.
ދަށަށް ގޮސްފައިވާ ކުށްތައް
މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވަނީ 16 އިން 4 އަށް މަދުވެފަ އެވެ. މިއީ 75 އިންސައްތައިގެ ދަށްވުމެކެވެ. އަދި އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް 37 އިން 26 އަށް (29 އިންސައްތަ) ދަށަށް ގޮސްފައިވާއިރު، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ވަނީ 65 އިން 63 އަށް ދަށަށް ގޮސްފަ އެވެ.
ފަންނީ އެހީތެރިކަމާއި އާންމުން ހޭލުންތެރިކުރުން
ފުލުހުން ބުނީ ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގެއްލޭ މުދާ އަނބުރާ ހޯދައިދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި 182 މައްސަލައެއްގައި އާންމު ރައްޔިތުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން ހެކްކޮށްފައިވާ ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް އަނބުރާ ހޯދައިދިނުމުގައި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކުށްތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުމަކީ މިފަދަ ކުށްތައް ހުއްޓުވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅުކަމަށްވާތީ، މިއަހަރުގެ މިހާތަނަށް ފުލުހުން ހިންގި އެކިއެކި އާންމު ހޭލުންތެރިކަމުގެ ސެޝަންތަކުގައި ޖުމުލަ 3،143 ފަރާތަކަށް ވަނީ މައުލޫމާތު ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 1,972 ދަރިވަރުންނާއި 743 ބެލެނިވެރިނާއި އޮފީސްތަކުގެ 428 މުވައްޒަފުނެވެ.






