ސަރުކާރާ ދެކޮޅުނ ޝުއޫރު ފާޅުކުރާ މީހުން ސަރުކާރާއި، ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރަމުންދާ ކަަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއް ވީ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރެވެ.
މި ގަރާރު ހުށަަހެޅުއްވަމުން ޒާކިރު ވިދާޅުވީ، ގާނޫނުގެ ކުރިމަތީގައި އާއި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި، ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކުު ލިބުމަކީ ކޮންމެ މީހެއްގެ ހައްގެއްކަމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ކޮންމެ ރައްޔިތަކަށް އެމީހަކު އިހުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ، ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.
މުވައްޒަފުންގެ މަސައްކަތުގެ ގާބިލްކަން ނުވަތަ އަހްލާގީ މިންގަނޑު ރަނގަޅު ކުރުމަށް ވަޒީފާއާބެހޭ ގާނޫނުން ފިޔަވަޅު އެޅުމަށްފަހުވެސް، މަސައްކަތުގެ އަހުލާގީ ނުވަތަ ވަޒީފާ އަދާކުރާތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން މެނުވީ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ކުންފުނިތަކުގެ މުވައްޒަފުން 33 ޕަސެންޓަށް މަދުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކުރިތާ އެތައް ދުވަހެއް ފާއިތުވި ނަމަވެސް، އެކަމަށްޓަކައި އިހްލާސްތެރިކަމާއި ހާމަކަމާއި، ހަމަކަމުގެ އުސޫލުން އެއްވެސް ކަމެއް ކޮށްފައިނުވާ ހިނދު ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރަމުން ދަނީ،" މައުރޫފް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ އެގޮތަށް ވަޒީފާތަކުން ވަކިކުރަމުންދަނީ، މި ސަރުކާރާއި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ރައްޔިތުންނާއި، ދިވެހި ރައްޔިތުންނާއި، އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް އެކަނި ކަމަށެވެ.
އެ މުވައްޒިފު ވަކިކުރަނީ، ވަޒީފާއާބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބަކާ ލައިގެން ނޫންކަމަށާއި، އެއްވެސް ހަމައެއް އުސޫލެއް، ގާނޫނެއް އަދި ގަވާއިދެއް ބެލުމެއްނެތި، އެ ކުންފުނިތަކުގެ ސުއޫލުތަކާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.
ގައުމުގެ އިގްތިސާދު ދަށްވެ މާލީގޮތުން ރައްޔިތުންނަށް ދަތިވަމުންދާ މިފަދަ ދަނޑިވަޅެއްގައި އެފަދަ ގޮތަކަށް ކަންކަން ކުރުމަކީ ގިނަ އަދަދެއްގެ، މެދު ފަންތީގެ ގޭބިސީތަކަށް އަސަރު ކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ހަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދދު މަދުކުރަން ނިންމި ނިންމުން ސަރުކާރުން ނާޖާއިޒު ގޮތުގައި ބޭނުންކުރަމުންދަނީ ސަރުކާރަށް ތާއީދު ނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން،" މައުރޫފް ވިދާޅުވިއެވެ.
ވެރިކަން ހިންގާ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަަކީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއްކަން ފާހަގަ ކުރައްވައި، އެ ވާޖިބު އަދާކުރުމުުގެ ގޮތުން މި މައްސަަލައާމެދު މެންބަރުން ދެކެވަޑައިގަންނަވާގޮތެއް ދެނެގަތުމަށް ގަރާރު ހުށަހެޅުއްވީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.






