ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގައި މަސައްކަތްކުރަމުން ދަނީ، 2028 ވަނަ އަހަރުގެ މެދު ތެރޭގައި އެ މަގު ރައްޔިތުންނަށް ބޭނުން ކުރެވޭގޮތް ހެއްދެވުމަށް ކަމަށް، މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިންގ އެންޑްއަރބަން ޑިވެލޮޕްމަންޓް ޑޮކްޓާ އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޯޒްވޭގެ މަަސައްކަަތާބެހޭ ގޮތުން، މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިލު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ކޯޒްވޭގެ މަސައްކަތް ފަށައި އަދި ނިމޭނެ ދުވަހަކީ ކޮބައިތޯ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 22 ޖެނުއަރީ 2023 ގައި އެ މަޝްރޫއުގައި ސޮއިކޮށް، ދޭއް ސެޕްޓެމްބަރު 2023 ގައި މެޝިނަރީޒްއާއެއްކޮށް މޮބިލައިޒް ކޮށްފައި އޮތް ކަމަށް ރެކޯޑް ތަކުން ފެންނަން އޮތް ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ.
"މިގޮތުން ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނާއި ސާވޭގެ ނަސައްކަތް ނިންމައި ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ވީޓެލް ޑިޒައިންތައް އެޕްރޫވްކޮށް މިހާރު 20 އޮކްޓޫބަރު 2025 ގައި މަސައްކަތް ވަނީ ފަށާފައި" ވަޒީރު ވިދާޅުވިއެވެ.
ކަނޑައަޅާފައިވަނީ، 500 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށާއި، މަސައްކަތުގެ އަގަކީ 81 މިލިޔަން ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކޮންޓެކްޓަރުގެ ސްކޯޕްގައިވާ ގޮތުން 390 މީޓަރުގެ ރިވެޓްމެންޓަކާއި 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި 714 މީޓަރުގެ ދިގު މަގެެެއް ހެދިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރިއަށްދަނީ އެދެވޭ ސްޕީޑެއްގައިނޫން ކަމަށެވެ.
"ނަމަވެސް މަސައްކަތް ކުރަނީ 2028 ގެ މެދެތެެރެއަށް ދާއިރު މަސައްކަތް ނިންމައި، ރައްޔިތުންނަށް މަގު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް،" ވަޒީރު ވިދާޅުވިއެވެ.






