މާލޭގެ ބޮޑުތަކުރުފާނު މަގު، އުސްފަސްގަނޑު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ދިވެހި ފިރިހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަން އެނގިއްޖެއެވެ.
ފުލުހުން ވިދާޅުވީ ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިއަދު ހަވީރު ހަތަރެއް ޖަހާކަން ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި ނިޔާވީ ސައިކަލް ދުއްވަން އިން މީހާއެވެ. އޭނާއަކީ ދިވެހި ފިރިހެނެކެވެ. އެކްސިޑެންޓުވުމާއެކު، އޭނާ ވަނީ ލޮރީ ދަށުވެފައެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ވެސް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެނައިި އިރު ވެސް ނިޔާވެފައިވާ ކަމަށެވެ.
އެކްސިޑެންޓުވި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.






