ހިމަބިހި ކޮންޓްރޯލް ނުކުރެވިގެނެއް ނޫޅޭ: މިނިސްޓަރު

ހިމަބިހި ކޮންޓްރޯލް ނުކުރެވިގެނެއް ނޫޅޭ: މިނިސްޓަރު

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސްލްސް) ކޮންތްރޯލް ނުކުރެވިގެން ނޫޅުއްވާ ކަމަަށް، މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރާއި މިނިސްޓަރު ފެއިލްވެފައިވޭތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ.އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ހިމަބިހި ކޮންމެސް ވަރަކަށް ރާއްޖޭގައި ފެންނަމުން އެބަދޭ، މިއަހރުގެ މިހާތަނަށް އަޅުގަނޑުމެންގެ އާބާދީގެ ތެރެއިން، ހާއްސަކޮށް މާލޭ ސަރަހައްދުގައި، އަތޮޅު ތެރެއެއްނޫން 100 އެއްހާމީހުން މިހާތަނަށް ފެނިފައިވަނީ،"

މިނިސްޓަރު ވިދާޅުވީ، ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގައި އެމީހާގެ ގައިން އަނެއްމީހާގެ ގަޔަށް އަރާ ބައްޔެއްކަމަށްވާތީ އެ ބަލި ފަސޭހަވާން ނަގާ މުއްދަތު ވަރަށް ކުރުވާނެ ކަމަށެވެ.

"އެހެންކަމުން އެ ބައްޔަކީ މިއަދު އަޅުގަނޑުމެނަށް، އާދަޔާހިލާފަށް ފެތުރެމުންދާ، ނޫނިއްޔާމު ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއްނޫން،"

ނަމަވެސް ކޮންމެ ބައްޔަކީވެސް އެބައްޔަކާބެހޭގޮތުން ސަލާމަތީ ފިޔަވަޅުތައްއަޅާ ކޮންތްރޯލް ކުރުމަށް މަސައްކަތްތައް ކުރާނެ ބައްޔެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓާރު މިހެން ވިދާޅުވެފައިވާއިރު، ހިމަބިހި ކޭސްތައް އިތުރުވެ، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 121 އަށް އަރައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއީން ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށާއި އެއާ އެކު، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 121 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *