ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، ސަރުކާރުގެ މަސައްކަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމަށް ނޫހަކުން ނެގި ޕޯލްގެ ނަތީޖާއިން، ބައިވެރިވި މީހުންގެ 57.1 އިންސައްތަ މީހުން ތިބީ ސަރުކާރުގެ މަސައްކަތްތަކާމެދު ހިތްހަމަޖެހިގެން ކަން ހާމަވެއްޖެއެވެ.
އޮންލައިންކޮށް ވެބްސައިޓަށް ވަދެގެން ވޯޓުލެވޭ ގޮތަށް ކުރިއަށްގެންދިޔަ މި ޕޯލްގައި 30,000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ސަރުކާރުގެ މަސައްކަތްތަކާމެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭ ކަމަށް ވޯޓުދީފައިވަނީ ބައިވެރިންގެ 23 އިންސައްތަ މީހުންނެވެ.
ސަރުކާރުން ނިންމެވި ނިންމުންތަކާމެދު ތަފާތު ވިސްނުންތަކެއް ފާޅުވެފައިވެއެވެ. ރަނގަޅު ނިންމުންތަކެއް ނިންމި ނަމަވެސް ގިނައީ ގޯސް ނިންމުންތައް ކަމަށް ދެކޭކަމަށް 19.1 އިންސައްތަ މީހުން ބުނެފައިވާއިރު، ގޯސް ނިންމުންތަކެއް ހުރި ނަމަވެސް ގިނައީ ރަނގަޅު ނިންމުންތައް ކަމަށް ބުނީ ބައިވެރިންގެ 0.7 އިންސައްތަ މީހުންނެވެ.
ނަތީޖާތަކަށް ބަލާއިރު، ބައިވެރިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގެ މަސައްކަތާމެދު ހިތްހަމަޖެހުން ފާޅުކޮށްފައިވާ ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާމެދު ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ނިސްބަތް ގާތްގަނޑަކަށް 42 އިންސައްތައަށް އަރައެވެ.
ތިން އަހަރުގެ މުއްދަތުގައި އެކި ދާއިރާތަކުން ކުރިއެރުންތަކާއި ގޮންޖެހުންތައްވެސް ކުރިމަތިވެފައިވެއެވެ. އާސަންދަ އާއި ސިނގިރޭޓު ޑިއުޓީ ފަދަ ކަންކަމުގައި ނިންމުންތައް ބަދަލުކުރަން ޖެހުނު ކަމަށާއި، މައުލޫމާތު ހާމަކުރުމުގައި ހުރި ދަތިތަކާއި ޚިޔާލުފާޅުކުރުމުގެ ދާއިރާއިން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސިޔާސީ ހަރަކާތްތަކުގެ މިނިވަންކަން އަދިވެސް އެބައޮތްކަން ބުނެވެއެވެ.
ޚާރިޖީ ދާއިރާއިން ފޯޅަވަހީގެ މައްސަލައިގައި އެދެވޭ ކުރިއެރުމެއް ނުފެންނައިރު މޮރިޝަސްއާއެކު އޮތް ގުޅުން ކެނޑިގެންދިޔަ ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުން ކާމިޔާބީތަކެއް ލިބިފައިވެއެވެ. އިގްތިސާދީ ގޮތުން ބޭރުގެ ދަރަނީގެ ބޮޑު ބައެއް އަދާކޮށް، ސޮވެރިން ސުކޫކް ދައްކައި، ދައުލަތުގެ ރިޒާވް ރެކޯޑު މިންވަރަކަށް އިތުރުކުރެވިފައިވެއެވެ.






