ބޮޑެތި ބަލިތަކަށް ބޭނުންވާ ފަރުވާގެ ހިދުމަތްތައް ރާއްޖޭގައި ގާއިމުކޮށް، ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދު ކުރެވިއްޖެ ކަމަށް މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ވިދާޅުވީ، ބޭސްފަރުވާއަށް އެތައް ދިވެހިންނެއް، ރާއްޖޭން ބޭރަށް ފޮނުވައި ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ އިރު، އެ ހިދުމަތްތައް ރާއްޖޭން ފޯރުކޮށްދެވޭނަމަ، ހަރަދާއި ތަކުލީފު ކުޑަވެގެންދާނެ ކަމަށެވެ.
އެހެންކަމުން ރާއްޖޭން ބޭރަށް ބަރޯސާ ވުން ކުޑަކުރުމަށް ސަރުކާރުގެ ދުރު ރާސްތާ ޕްލޭނަކީ ކޮބައިތޯ، މެންބަރު ސުވާލު ކުރެއްވިއެވެ.
ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ސިއްހީ ހިދުމަތަށް ކުރާ ހޭދައަކީ ފައިސާއިން އަގުމަގު ކުރާ އެއްޗަކަށްވުރެ ބޮޑަށް، ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއް ކަމަށެވެ.
ބަލިތަކުގެ ފަރުވާ ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށް މިދިޔަ އަހަރުތަކުގައި ގިނަ ހިދުމަތްތައްތަކެއް ރާއްޖެއަށް ފުޅާކޮށްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު، އާސަންދައިގެ ހިދުމަތުން ރާއްޖޭން ބޭރަށް ފަރުވާ އަށް ދިޔަ މީހުން މަދުކުރެވިފައިވާ ކަމަށެވެ. އެގޮތުން 2023 އިން 2025ގެ ނިޔަލަށް ބަލާއިރު، 338 މީހުންގެ މަދުވުމެއް ގެނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މި ބަދަލު ބޮޑުތަނުން ނުފެންނަނީ ކެންސަރު ބަލީގެ ފަރުވާއަށް ފޮނުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވޭ މީހުންގެ އަދަދު ވަނީ މަދު ކުރެވިފައި. އެގޮތުން 2023 ވަނަ އަހަރާ އަޅައި ބަލާއިރު 2025 ވަނަ އަހަރުގެ ނިޔަލަށް 338 މީހުން މަދު، ނަމަވެސް މި ތަފާތު ބޮޑުތަނުން ފެންނަ މައިގަނޑު ސަބަބަކީ ކެންސަރު ބަލިތަކަށް ރާއްޖޭން ބޭރަށް ފޮނުވޭ ބަލި މީހުންގެ އަދަދު އިތުރުވަމުން އައިސްފައިވުން،"
އެގޮތުން 2023 ވަނަ އަހަރާ އަޅައި ބަލާއިރު 2025 ވަނަ އަހަރު 483 މީހުން ކެންސަރާ ގުޅުންހުރި ކަންތައްތަކުގައި ދޭން ބޭރަށް ފޮނުވާފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.
"ކެންސަރު ބައްޔަށް ފަރުވާ ހޯދި ފަރާތްތައް އުނިކޮށް ދެން ރިފާ ކުރެވޭ ހިދުމަތްތަަކަށް ބަލާނަމަ ރާއްޖޭން ބޭރަށް ފޮނުވިފައިވާ އަދަދު 2023 އަޅައި ބަލާއިރު 2025 ވަނަ އަހުރު 821 މީހުން ވަނީ މަދުވެފައި،"
ވޭރުވެދިޔަ ތިން އަހަރުވެސް އެންމެ ގިނައީ ކެންސަރުގެ ފަރުވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ކެންސަރާ ގުޅޭ ޓެސްޓްތައް ހެދުމަށް 2023 ވަނަ އަހަރު 1638 މީހުން، 2024 ވަނަ އަހަރު 1996 މީހުން އަދި 2025 ވަނަ އަހަރު 2000 މީހުން ރާއްޖެއިން ބޭރަށް ފޮނުވި ކަމަށެވެ.
މީގެތެރޭގައި ތަކުރާރުކޮށް ހިދުމަތް ހޯދި މީހުން ހިމެނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުން އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި މި ހިދުމަތްތައް ގާއިމު ކުރުން ކަމަށެވެ.






