ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރަން ހުށަހެޅި ޓްރާންސްފޮމޭޝަންގެ ބިލު ބަލައިގެންފި

ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރަން ހުށަހެޅި ޓްރާންސްފޮމޭޝަންގެ ބިލު ބަލައިގެންފި

"މޯލްޑިވްސް 2.0″ ޑިޖިޓަލް ޓްރާންސް ފޮމޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް، ޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީކޮމިޓީ އަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލީ ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް މި ބިލުގައި ބުނެފައިވަނީ، މިއީ އިތުބާރު ހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހިދުމަތްތައް، ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވާނަންސްގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

މީގެ އިތުރުން "ޑިޖިޓަލް ފަސްޓް" ސިޔާސަތުގެ ދަށުން ދައުލަތުގެ ހިދުމަތްތަކާއި އިދާރީ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަން ކުރުމަށްޓަކައި، "މޯލްޑިވްސް 2.0″ ގެ ނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް އެކަށައެޅުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ޑިޖިޓަލް ގަވާނަންސްގެ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ޕްރޮގްރާމެއް އެކަށައަޅައި، އެ ޕްރޮގްރާމް އަދި ޑިޖިޓަލް ގަވާނަންސް ނިޒާމުގެ ކަންކަން ވިލަރެސްކޮށް، ހިންގުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދުންވެސް ހިމެނެއެވެ.

އެނޫންވެސް ޑިޖިޓަލް ގަވާނަންސް އާގުޅޭ ކަންކަން ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމް ކުރުން ވެސް މި ބިލު ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.

މި ބިލާއެކު އުފައްދާ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ދަށަށް، ހޯމް މިނިސްޓްރީގެ ދަށުން މިހާރު ހިންގަމުން އަންނަ ޑިޖިޓަލް ސާވިސްގެ ހުރިހާ މަސްއޫލިއްޔަތުތަކާއި ހައްގުތަކާއި މަންފާތަކާއި މުވައްޒަފުން އެ އިދާރާގެ ދަށަށް ބަދަލުވާނެއެވެ.

ނަމަވެސް މި އިދާރާ ހިންގާނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. އަދި މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ އެ ވުޒާރާއަކާ ހަވާލުވެ ހުންނަވާ ވަޒީރެއް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައިވެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީއާ ގުޅުންހުރި ހުރިހާ ހިދުމަތެއް ފޯރުކޮށްދީ، ދައުލަތުގެ ކޮމްޕިއުޓާ ނެޓްވާކާއި އިންފްރާސްޓްރަކްޗާ ބަލަހައްޓަން ޖެހޭނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންނެވެ. އަދި ދައުލަތުގެ އިދާރާތަކުން ޑިޖިޓަލްކޮށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ނަޒާހަތްތެރި، ހަމހަމަ އަދި އިތުބާރު ހިފޭ ފެންވަރެއްގެ އަދި ފަސޭހަކަމާ އެކު ވާސިލުވެވޭ ހިދުމަތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަކީ ވެސް އެ އިދާރާގެ ޒިންމާއެކެވެ.

ބިލުގައި ބުނެފައިވަނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީއެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންވާނެއެވެ. އަދި އެ އިދާރާއިން ކަނޑައަޅާންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުތައް ތަންފީޒުކުރުމަށް "ޑިޖިޓަލް ގަވާނަންސް އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި ހާއްސަ ކޮމިޓީއެއް ކޮމިޝަނަރުގެ ލަފަޔާ އެކު ވަޒީރު އެކުލަވާލަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލު ގާނޫނަކަށްވުމާ އެކު ރާއްޖޭގެ ޑިޖިޓަލް ގަވާނަންސް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި "މޯލްޑިވްސް 2.0″ ގެނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް ގާއިމުވެގެންދާނެއެވެ.

މި ބިލުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ޑިޖިޓަލް ގަވަރާނަންސްގެ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއްވެސް އެކުލަވާލާނެއެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކައުންސިލްގައި ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާ އާއި އެކަމާ ގުޅުންހުރި ވަޒީރާއި އިގުތިސޯދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވަޒީރާއި ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ފަންނީ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްުޔަންކުރައްވާ މެންބަރެކެވެ.

މި ބިލު ގާނޫނަކަށްވުމުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ މެދު އަދި ދުރުރާސްތާގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމެނޭހެން "މޯލްޑިވްސް 2.0 ރޯޑްމެޕް" އެއް އެކުލަވާލައި ތަންފީޒު ކުރަންޖެހޭ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *