މަޝްރޫއުތަކުގެ އަޕްޑޭޓް ބެލުމަށް މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް ހެދުމަކީ ސަރުކާރު ފެއިލްވެފައިވާކަމުގެ ހެއްކެއް: ޝާހިދު

މަޝްރޫއުތަކުގެ އަޕްޑޭޓް ބެލުމަށް މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް ހެދުމަކީ ސަރުކާރު ފެއިލްވެފައިވާކަމުގެ ހެއްކެއް: ޝާހިދު

ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މޮނިޓަރކުރުމަށް ކޮންމެ މިނިސްޓްރީއެއްގައި ވަކި ޔުނިޓްތަކެއް އުފެއްދުމަށް ނިންމި ނިންމުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާއްސަ ޔުނިޓުތަކެއް އުފެއްދުމަކީ ދައުލަތް ހިންގުމުގެ ނިޒާމު ފެއިލްވެފައިވާކަމަށް ސަރުކާރުން އަމިއްލައަށް އިޢުތިރާފުން ކަމަށެވެ.

ޝާހިދު ވިދާޅުވީ، މަޝްރޫޢުތަކުގެ ކަންކަން ބަލަހައްޓާނެ މުވައްޒަފުންނާއި އޮނިގަނޑު ދައުލަތުގެ ތެރޭގައި މިހާރުވެސް އެބައޮތް ކަމަށެވެ. އެހެންކަމުން، އައު ޔުނިޓްތަކެއް އުފެއްދުމަކީ ކުރިއެރުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މިއީ އިތުރު ސިޔާސީ ވަޒީފާތައް އުފެއްދުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މަޝްރޫޢުތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ އަސްލު ސަބަބަކީ ޔުނިޓްތަކެއް ނެތުން ނޫން ކަމަށާއި، އެއީ ސަރުކާރުގެ ހަރުދަނާ ލީޑަޝިޕެއް، ސިޔާސަތެއް އަދި އަމާޒެއް ނެތުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން. ރައްޔިތުން ބޭނުންވަނީ މަޝްރޫޢުތައް ނިމި، ކޮންޓްރެކްޓަރުންނަށް ފައިސާ ލިބި، ވަޢުދުތައް ފުދުން،" ޝާހިދު ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ފަށާފައިވާ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ހުއްޓާލާފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝާހިދު ވިދާޅުވީ، ރައްޔިތުންނަށް މިއަދު ބޭނުންވަނީ ބަހަނާތަކުގެ ބަދަލުގައި އަމަލީ ނަތީޖާ ކަމަށެވެ.

ސަރުކާރުން މިފަދަ ޚާއްޞަ ޔުނިޓްތަކެއް އުފައްދަން ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަޝްރޫޢުތައް ލަސްވަމުންދާތީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ބަދަލަކީ އިދާރީ ހިންގުމަށް ލުޔެއް ލިބޭނެ ކަމެއް ނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *