ނިމިދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ 44 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިއާއެކު މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމުލަ 66 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ނިމިދިޔަ ހަފްތާގައި ފެނުނު ކޭސްތަކެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ބައްޔަށް ޝައްކުކުރެވޭ ފަރާތްތަކުން އަމަލުކުރަންވީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
ހިމަބިހީގެ ކޭސްއެއް ފެނިއްޖެނަމަ، އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލިޖެހުނު މީހާއާ ދިމާވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރުވެސް ކުރިއަށްގެންދާ ކަމަށް އެ އެޖެންސީން ބުނެއެވެ.






