އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިިފި

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިިފި

އިންޑިއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމުގެ ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސްގައި މިދިޔަ މާރިޗު މަހު ވަނީ ސޮއިކޮށްފައެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސްއަށް ދެ ޤައުމުން އެއްބަސްވީ މިއަހަރުގެ މާރިޗު މަހުއެވެ. ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރްއަކީ ފުރިހަމަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި، އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ.

މި އެއްބަސްވުމާއި ގުޅޭ މަޝްވަރާތަކުގެ އަދާހަމަ ހިއްސާކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިހާރު އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް ފަށައި ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު ބާއްވާފައިވާ ކަމަށެވެ. އިޤްތިޞާދީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ދެވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވާނީ މީގެކުރިން ކޮށްފައިވާ ގޮތަށް ފަންނީ ތަޖުރިބާކާރުންގެ އެހީގައި ކަމަށެވެ.

" ދެ ޤައުމުގެ ވިސްނުންވެސް ހުރީ ވީ އެންމެ އަވަހަކަށް ނިންމާލަން. އަޅުގަނޑުމެން ޓާގެޓަކީ ވީ އެންމެ އަވަހަކަށް ނިންމާލުމަށް. އެކަން ކުރުމަށް މީގެ ކުރިންވެސް އަޅުގަނޑުމެން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަސައްކަތް ކުރިން. އެގޮތަށް މިކަމުގައި ރާއްޖޭގައި ތިބި ފަންނީ ބޭފުޅުން މިނިސްޓްރީގެ، ފަންނީ ބޭފުޅުންނާއި އަދި ސަރުކާރުގެ ތެރެއިން އެވެއިލަބަލްވާ ފަންނީ ބޭފުޅުންނާ އަދި ޕްރިވެޓް ސެކްޓަރގައިވެސް ފުޅާދާއިރާއެއްގައި މަސައްކަތް ކުރެވިގެން މަސައްކަތް ކުރިއަށްދާނީ. ދެ ޤައުމުވެސް ބޭނުންވަނީ އެގޮތަށް އެކަން ކުރަން." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށްދާއިރު މިފަދަ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެއިން އަބަދުވެސް ރާއްޖޭގެ އުފައްދާ ބާވަތްތަކަށް ލުއިތައް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރެއްވިއެވެ. ވަޒީރު ސަޢީދު ވިދާޅުވީ، މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ފުރުސަތުތައް ފަހިވެގެންދާ ކަމަށެވެ.

ޑިއުޓީތައް އުނިވުން ފަދަ ވިޔަފާރިތަކަށް އެނގުންވާ ލުއިތަކާއިއެކު އެނޫންވެސް އިތުރު ލުއިތައް ލިބިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ސަޢީދު މިކަމުގެ މިސާލު ދައްކަވައި ވިދާޅުވީ، ޗައިނާއެކު ވި އެއްބަސްވުމުގެ ތެރެއިން އަލިބާބާ ވެބްސައިޓުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ތަކެތި ވިއްކުމަށް ފުރުސަތު ފަހިވެގެން ދިޔަ ކަމަށެވެ. އެގޮތަށް އިންޑިއާއެކުވެސް އެއްބަސްވުމަކަށް އައުމުން ދުނިޔޭގެ އެންމެ ބޮޑު ދެ ކޮންސިއުމާ މާކެޓާއެކު ދިވެހިރާއްޖެއަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންޑިއާ-ރާއްޖެ އެފްޓީއޭގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ޗައިނާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަމަލުކުރަން ފަށާފައެވެ. އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް ނުވަތަ ވަކި ބާވަތްތަކުން ލުއި ލިބޭ އެއްބަސްވުމެއްގައި ތުރުކީވިލާތާއެކު ރާއްޖެއިންވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަސައްކަތް ނިމި ޢަމަލުކުރަން ފެށުމުގެ ކުރިން މިހާރު ކުރިއަށް ދަނީ، ދެ ޤައުމުގެ ދެމެދު ކުރަންޖެހޭ މަސައްކަތްތައް ކަމަށްވެސް އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *