އަޅުގަނޑު ހުށަހެޅި ބިލުގެ ބަހުސް އިން އެނގުނީ މާލެ އާއި ރާއްޖެތެރެ ތަފާތު ކުރުން އޮތްކަން: ކުޑޫ

އަޅުގަނޑު ހުށަހެޅި ބިލުގެ ބަހުސް އިން އެނގުނީ މާލެ އާއި ރާއްޖެތެރެ ތަފާތު ކުރުން އޮތްކަން: ކުޑޫ

މާލެ އާއި ރާއްޖެ ތެރެގެ ތަފާތުއޮތްކަން، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އިއްޔެ ފާހަގަ ވެގެންދިޔަ ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެެވެ.

ކުޑޫ މިހެން ވިދާޅުވީ، ރަށްވެހިވާން ބޭނުންވާ ރަށުގައި ފަސް އަހަރު ދުވަހު ދިރި ނޫޅުނު ނަމަވެސް ރަށްވެހި ވެވޭގޮތަށް، ގާނޫނު ބަދަލު ކުރަން "ދިވެހި ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނު" އަށް އިސްލާހު ގެންނައުމުގެ ބިލްގެ ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެެވެ. މި ބިލަކީ ކުޑޫ މަޖިލީހަށް ހުށަހެޅި ބިލެކެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން، ރަށެއްގެ ރަށްވެއްސަކަށްވެ، މީހަކު އެ ރަށެއްގައި ރަޖިސްޓަރީ ކޮށްދޭނީ މެދުކެނޑުމެއް ނެތި ފަސް އަހަރު ވަންދެއް އެ ރަށެއްގައި ދިރިއުޅުމުންނެވެ. ބިލު ހުށަހަޅާފައިވަނީ އެ މުއްދަތު އުވާލުމަށެވެ.

މި ބިލުގެ ބަހުސްގައި، ޕީއެންސީ މެންބަރުން، ބިލާ ދެކޮޅަށް ވާހަކަ ދައްކަވަމުން ރާއްޖެތެރޭގެ ރައްޔިތުންނާއި މާލޭ ރައްޔިތުންނަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން، ކުޑޫ ވިދާޅުވީ، ބިލުގައި އޮތް އެއްޗެއް މެންބަރުން ވިދާޅުވިނަމަ އެގޮތަށް ވާހަކަ ނުދެއްކެވީސް ކަމަށެވެ.

"ބިލެއް ލީމަ މީގަ އޮތް އެއްޗެއް ވިދާޅުވެގެންބާއޭ މެންބަރުން މިތަނަށް ވަޑައިގަންނަވަނީއޭ ހިތައް އަރާ، މީގަ އޮތް އެއްޗެއް އެއްވެސް ބޭފުޅަކު ވިދާޅުވިނަމަ މިއަދު ސޯޓު ކަކުލާ ހިސާބަކަށް ނުބޭލޭނެ، ވަރަށް ދެރަވޭ،" ކުޑޫ ވިދާޅުވިއެވެ.

ކުޑޫ ވިދާޅުވީ މާލޭ މެންބަރުން މަޖިލިސް ތަޅުމުގެ ކުރީ ސަފުގައި ތިބެނީވެސް ތަފާތު ކުރަން ކަމަށެވެ.

"އަޅުގަނޑުމެން ކުރީ ސަފުގަ މި ތިބެނީވެސް ހަމަ ތަފާތު ކުރަން ތި ހުރިހާ ބޭފުޅުން އެއްބަސްވާތީ، މާ ރަނގަޅު ބަޔަކަށް ވެގެން އުޅެންޏާ އުތުރުން ދެކުނަށް، ދެކުނުން އުތުރަށް ބަދަލު ކޮށްލަންވަންވީ ނޫންތޯ، އަޅުގަނޑުމެން މާލޭ މީހުން" ކުޑޫ ވިދާޅުވިއެވެ. ކުޑޫ ވިދާޅުވީ އެގޮތަށް ބަދަލުގެންނަން މެންބަރުންނަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

މި ބިލު އިއްޔެ އޮތް ޖަލްސާގައި ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބިލުގެ ބަހުސް ނިމުމުން ބިލު ބަލައިގަނޭތޯ ވޯޓަށް އެއްސެވުމުން ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން ބިލު ބަލައިގަންނަން ވޯޓު ދެއްވީ ހަމައެކަނި އެމްޑީޕީގެ 12 މެންބަރުންނެވެ. ޕީއެންސީގެ 59 މެންބަރުން ވޯޓު ދެއްވީ ބިލު ބަލައި ނުގަނެ ތަޅުމުން ބޭރުކޮށްލުމަށެވެ. ބިލު ބަލައިގަންނަން ބޭނުން ވަނީ 36 މެންބަރުންގެ ވޯޓެވެ.

މި ބިލުގައި ވާގޮތުން ރަށަކުން ދިރިއުޅުމަށް އެކަށީގެންވާ ބިމެއް ނުވަތަ ތަނެއް މިލްކު ވެފައިވާ ފަރާތްތަކަށް، އެ ރަށެއްގެ ރަށްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމްކޮށް، މިކަމާގުޅޭ ގާނޫނީ އޮނިގަނޑު މި ޒަމާނުގެ އިޖުތިމާއީ އަދި އިގުތިސޯދީ ހާލަތާ އެއްގޮތަށް ހަރުދަނާ ކުރުން ކަމަށްވެސް ބުނެފައިވެއެވެ.

އަދި ވަކި ރަށެއްގައި ރަށްވެހި ވެފައިވާ މީހަކަށް، ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން އަދި ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެނޫން ވެސް ތަނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ އެފަދަ ތަނެއްގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ، އެރަށެއްގެ ރަށްވެއްސަކަށްވުމަށް އެދި ހުށަހެޅޭނެއެވެ.

މިގޮތަށް ހުށަހަޅާ ފަރާތުން، އެފަދަ ހައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިއުންތައް ހުށަހެޅުމުން، އެ ބިމަކީ، ގެއަކީ، ފުލެޓަކީ ނުވަތަ ދިރިއުޅޭ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއަށް ކަށަވަރުވުމުން އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށް ބިލުގައި ބުނެއެވެ.

މިގޮތަށް ރަޖިސްޓްރީ ކުރުމާއެކު، އެ މީހަކު ކުރިން ރަށްވެހި ވެފައިވާ ރަށުގެ ރަޖިސްޓްރީއިން އުނިކުރެވޭނެއެވެ. އަދި އެއްވެސް މީހަކަށް އެއް ވަގުތެއްގައި އެއް ފަށަށްވުރެ ގިނަ ރަށެއްގައި ރަށްވެހި ވެފައިވާ މީހެއްގެ ގޮތުގައި ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *