ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްސަ ފިޔަވަޅުތަކެއް!

ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްސަ ފިޔަވަޅުތަކެއް!

ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރެއްވުމަށް ބޭނުންކުރައްވާ "ދުވެލި" ޕޯޓަލް އާއި، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ތައްޔާރުކުރައްވާފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް, (PIMS)" ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކޮށް، އެއަށްފަހު ވަގުތުން ވަގުތަށް އަދާހަމަކުރަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯއްދުމަށްޓަކާ، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ ގައި އެކަމަށް ޚާއްޞަ ޓީމެއް ގާއިމުކުރެއްވުމަށާއި، މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ޚާއްޞަ ޔުނިޓެއް، ކޮންމެ ވުޒާރާއެއްގައި ގާއިމުކުރެއްވުމަށްވެސް، ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ދަށުން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމެވުމަށްޓަކައި، މި މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށްވެސް ވަނީ ނިންމަވާފައިވެއެވެ.

މީގެ އިތުރުން، 2027ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރް.ޓީ.އެލް ވިއުގަ ގާއިމުކޮށް، އެ ޚިދުމަތް ފެއްޓުމަށްޓަކާ ކުރަންޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދީގެން ކުރުމަށް ވަޒީރުންގެ މަޖިލީހުގެ އާދީއްތަ ދުވަހުގެ ޖަލްސާގައި ވަނީ ނިންމަވާފައެވެ. އަދި ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކޮށް، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްޤީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައިވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *