ފުލުހުންގެ އޮޕަރޭޝަންތަކަށް އަންނަ އަހަރު "ޑްރޯން އޭޒް ފާސްޓް ރެެސްޕޮންޑާ" ހިދުމަތް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިހާރު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި އެމަރޖެންސީ ރެސްޕޯންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، "ނެކްސް ޖެނެރޭޝަން ހޯލް ހޭންޑްލިންގ އިކްއިޕްމަންޓް" އަންނަ އަހަރު ޤާއިމުކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވި، އެ ސަރަޙައްދެއްގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑްވެސް ވަގުތުން ބަލައިލެވޭނެކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ "ޑްރޯން އެޒް ފަސްޓް ރެސްޕޮންޑަރ" ޚިދުމަތާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ހާދިސާއެއް ރިޕޯޓުކުރުމާއެކު ފުލުހުންގެ ޑްރޯން އެ ސަރަޙައްދަކަށް ޑިޕްލޯއި ކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން އެއްގަމު ޓްރެފިކް ނުވަތަ ކަނޑު ހުރަސްކޮށް ދާންޖެހޭ ޙާލަތްތަކުގައި ފުލުހުންނަށް ދެވުން ލަސްވި ނަމަވެސް، ޑްރޯންގެ އެހީގައި ވަގުތުން އެތަނެއްގެ ޙާލަތު ވީޑިއޯ މެދުވެރިކޮށް ބަލައި، ކޮމާންޑް ސެންޓަރަށާއި ރެސްޕޮންޑްކުރާ އޮފިސަރުންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޯލޮޖީ ހޮސްޓްކުރުމަށްޓަކައި އެންމެ ޒަމާނީ ޑޭޓާ ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އެ މަސައްކަތްތައް ނިމޭ އިރު ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތް އެތައް ގުނައަކަށް ފުރިހަމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.






