ދިވެހި ފުލުހުންގެ މުއައްސަސާގައި 25 އަހަރު ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް، ރިޓަޔާ ކުރުމަށްފަހު ވެސް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފިއެވެ.
މި އުފާވެރި ޚަބަރު އިޢުލާން ކުރެއްވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރާ ފުލުހުންނަށް ދެވޭ އިނާޔަތްތައް ހިސާބު ކުރުމުގައި މިހާތަނަށް ގެންގުޅުނު ހިފެހެއްޓުންތައް ނުވަތަ ލިމިޓްތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޚިދުމަތުގައި 25 އަހަރު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، ވަޒީފާގައި ތިބޭ ފުލުހުންނަށް ލިބޭ ފަދައިން ބޭސްފަރުވާގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލަކީ ފުލުހުންގެ މުއައްސަސާއަކީ އުފާވެރި ތަނަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ބައެއްކަން ފާހަގަކުރައްވައި، ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ ބޯހިޔާވަހިކަމާއި، ތައުލީމާއި، ވަސީލަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށެވެ. މީގެ އިތުރުން ހޯމް މިނިސްޓަރު ޢަލީ އިޙުސާންގެ އިސްނެންގެވުމާއެކު، ފުލުހުންގެ ކަންބޮޑުވުންތައް ސަރުކާރާ ހަމައަށް ގެންގޮސްދިނުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އުފާވެރިކަން. އުންމީދު. އިތުބާރު،" ރައީސް މުޢިއްޒަށް ޝުކުރު ދަންނަވަމުން ކޮމިޝަނަރު ވިދާޅުވިއެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މުއައްސަސާއަށް 93 އަހަރު ފުރުނު ނަމަވެސް، ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމާއި ކުށްތައް ހުއްޓުވުމުގައި ފުލުހުންގެ ހުޝިޔާރުކަމާއި ބުންވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ދުވަހުން ދުވަހަށް ފުޅާވެ، އިލްމީ ގޮތުންނާއި ވަސީލަތުގެ ގޮތުން ކުރިއަރަމުންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.






