ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީީ) އިން ބަލަން އަމުރުކުރާ ކޮރަޕްޝަންގެ މައްސަލަތަކަސް ހާއްސަ އިސްކަމެއް ދީގެން, އެ މައްސަލަތަކުގެ ތަހުގީގު އަވަހަށް ނިންމަންޖެހޭ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ބަދަލެއް ގެނެސްފި އެވެ.
އޭސީސީން މިއަދު ގެޒެޓްކޮށްފައިވާ އިސްލާހުގައި ވަނީ އިތުރު ބާބެއް އިތުރުކޮށްފަ އެވެ. ކޮމިޝަންގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުމުގެ ނަމުގައި އިތުރުކޮށްފައިވާ އެ ބާބުގައި ބުނަނީ, އެ ކޮމިޝަންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ތަހުގީގުކުރުމަށް ޕީޖީ އަމުރުކޮށްފި ނަމަ, އެ މައްސަލައަކަށް ހާއްސަ އިސްކަމެއް ދީގެން އެ މައްސަލައެއް އަވަހަށް ތަހުގީގުކޮށް ނިންމަންވާނެ ކަމަށެވެ.
އަދި ޕީޖީ ތަހުގީގުކުރުމަށް އަމުރުކޮށްފައިވާ މައްސަލައަކީ އޭސީސީގައި ރަޖިސްޓްރީ ކޮށްފައިނުވާ މައްސަލައެއް ނަމަ, އެ މައްސަލައެއް ކޮމިޝަންގައި ރަޖިސްޓްރީކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެ ބާބުގައި އިތުރަށް ބުނަނީ, ޕީޖީ ނެރޭ އަމުރެއްގެ ދަށުން ކަމެއް ކަށަވަރު ކުރަން އޭސީސީއަށް އަންގައިފި ނަމަ އެކަމަށް ކޮމިޝަނުން ހިންގާ ތަހުގީގު ވެސް އަވަހަށް ނިންމަން ޖެހޭނެ ކަމަށެވެ.
އަދި ޕީޖީ އެންގުމެއް އަންގައިފި ނަމަ އަދި އެ އެންގުމަކާ ގުޅިގެން އަމަލު ކުރާނެ ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ނަމަ އެ އެންގުމެއް އަންގާތާ ހަތް ދުވަހުގެ ތެރޭގައި ޕީޖީ އޮފީހަށް އޭސީސީން ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް ގަވާއިދުގައިވެ އެވެ.






