މުސްލިމް ކުޅުންތެރިންގެ އީމާންތެރިކަމުގެ ނަމޫނާ: ވޯލްޑް ކަޕްގެ ތެރެއިން އެތައް މިލިއަން ބަޔަކަށް އިސްލާމްދީނުގެ ރީތިކަން ހާމަވަނީ

މުސްލިމް ކުޅުންތެރިންގެ އީމާންތެރިކަމުގެ ނަމޫނާ: ވޯލްޑް ކަޕްގެ ތެރެއިން އެތައް މިލިއަން ބަޔަކަށް އިސްލާމްދީނުގެ ރީތިކަން ހާމަވަނީ

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޓީވީ މެދުވެރިކޮށް ބަލާ ކުޅިވަރު ހަރަކާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގެ ދަނޑުމަތީގައި މުސްލިމް ކުޅުންތެރިން ދައްކަމުންދާ އީމާނީ ނަމޫނާތަކުގެ ސަބަބުން، ބިލިއަނެއްހާ ބެލުންތެރިންގެ ހިތްތަކަށް އިސްލާމްދީނުގެ އަލިކަން ވާސިލުވަމުން ދާކަން ފާހަގަ ކުރެވެއެވެ.

މުސްލިމް ކުޅުންތެރިއަކު ގޯލެއް ޖެހުމަށްފަހު ﷲ އަށް ޝުކުރުގެ ސަޖިދަ ކުރާ މަންޒަރާއި، ދުޢާއަށް އަތް އުފުލާ މަންޒަރަކީ އެތައް މިލިއަން ބައެއްގެ ސަމާލުކަން އިސްލާމްދީނަށް ހުއްޓުވާ ވަރުގަދަ ދަޢުވަތެކެވެ. މުލްޙިދުންނާއި އެކިއެކި ޖަމާއަތްތަކުން އެމީހުންގެ ފިކުރުތައް ފެތުރުމަށް ހޭބޯނާރާ މަސައްކަތް ކުރަމުންދާ މި ޒަމާނުގައި، މިފަދަ ބޮޑު މައިދާނެއްގައި ދީނުގެ ރީތިކަން ފެނިގެން ދިއުމަކީ އެތައް ބައެއްގެ ހިތްތައް ބަދަލުކޮށްލާ ކަމެކެވެ.

މީގެ ފުރިހަމަ ނަމޫނާއެއް ފްރާންސްގެ މަޝްހޫރު ކުޅުންތެރިޔާ ނިކޮލަސް އަނެލްކާ (މިހާރުގެ ޢަބްދުއްސަލާމް ބިލާލް) ގެ ހަޔާތުން ފެނެއެވެ. 2004 ވަނަ އަހަރު އިސްލާމްވި އަނެލްކާ ބުނެފައިވަނީ އޭނާއަށް ދީން ތައާރަފުވީ ޓީމުގައި ކުޅުނު މުސްލިމް ކުޅުންތެރިންގެ ފަރާތުން ފެނުނު ރީތި އަޚުލާޤާއި އަމަލުތަކުން ކަމަށެވެ.

"އަހަރެން އިސްލާމްވީ މި ދީނަކީ އަހަރެންގެ ދީންކަން ހިތުގެ އަޑިން ގަބޫލުކުރެވުމުން. ރަމަޟާން މަހު އަހަރެން ރޯދަ ހިފަން ފެށީ އަހަރެންގެ ވަށައިގެން ތިބި މުސްލިމުން އެކަން ކުރާ ގޮތް ފެނި، އެކަމަށް ކުރެވުނު އިޙްތިރާމެއްގެ ބޮޑުކަމުން،" އަނެލްކާ ކިޔައިދީފައިވެއެވެ.

ހީވެސް ނުކުރާ ފަދަ އާދައިގެ ކަންކަމުގެ ތެރެއިންވެސް ހިދާޔަތް ލިބޭކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. ޔޫރަޕްގެ ގައުމެއްގައި ހިނގި ހާދިސާއެއްގައި، ކުޑަ ކުއްޖަކާއި އޭނާގެ މަންމަ ފިހާރައަކުން ގަތް ޗޮކްލެޓެއްގައި ޢަރަބި ބަހުން ލިޔެފައިވާ ތަން ފެނި، އެ ބަހުގެ އަސްލު ހޯދުމަށް ކުރި ދަތުރު ނިމުނީ އެ ދެމައިން އިސްލާމް ދީން ގަބޫލުކުރުމާ ހަމައިންނެވެ.

ފީފާއާއި ހުޅަނގުގެ ބައެއް ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ދަނޑުމަތީގައި ފެންނަ ސަޖިދައާއި ކުޅުންތެރިންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމަކީ ދުނިޔެއަށް ދެވޭ އެންމެ ވަރުގަދަ ދީނީ މެސެޖެވެ. މިއީ ރޭވުމެއް ނެތި ﷲ ގެ މިންވަރުފުޅުން ހިނގަމުންދާ ދަޢުވަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *