ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އުރުދުންއާ ދެކޮޅަށް ކުޅެ، 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އާޖެންޓީނާ ނޮކްއައުޓް ބުރަށް ދަތުރުކޮށްފިއެވެ.
ޑައްލާސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން 19 ވަނަ މިނެޓްގައި ޖިއޮވާނީ ލޮ ސެލްސޯ ހިލޭ ޖެހުމަކުން ލީޑު ނެގިއެވެ. މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އުރުދުންގެ ކުޅުންތެރިން އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖޫލިއަން އަލްވަރޭޒަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ލައުޓާރޯ މާޓިނޭޒެވެ. މި ޕެނަލްޓީ އާޖެންޓީނާއަށް ދީފައިވަނީ ވީއޭއާރް ބެލުމަށްފަހުއެވެ.
ދެވަނަ ހާފް ފެށިގެން 55 ވަނަ މިނެޓްގައި، އެހްސަން ހަދާދްގެ ބޯޅައަކުން މޫސާ ތަމާރީ ލަނޑު ޖަހައި، އުރުދުންއިން ފަރަގު ކުޑަކުރިއެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 60 ވަނަ މިނެޓްގައި ކުޅެން ނިކުތް ލިއޮނެލް މެސީ، 80 ވަނަ މިނެޓްގައި ހިލޭ ޖެހުމަކުން ތިންވަނަ ލަނޑު ޖަހައި، ނަތީޖާ ފުޅާކޮށްފައެވެ.
ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ލަނޑު ޖަހައިދިން މެސީ ވަނީ ވޯލްޑްކަޕްގައި ޖެހިޖެހިގެން ލަނޑު ޖެހި 7 ވަނަ މެޗު ފުރިހަމަ ކޮށް ތާރީހީ ރެކޯޑެއް ގާއިމުކޮށްފައެވެ. ވޯލްޑްކަޕްގައި 19 ގޯލު ހަދާފައިވާ މެސީ، މި މުބާރާތުގައި ވިދިވިދިގެން 6 ގޯލު ވަނީ ޖަހާފައެވެ.
ގްރޫޕް ސްޓޭޖު ތެރޭ ބަލި ނުވެ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ތިންވަނަ ޓީމަކަށް ވެ، ގްރޫޕްގެ އެއްވަނަ ހޯދައި ދެވަނަ ބުރަށް ދަތުރު ކުރިއިރު، ފްރާންސާއި މެކްސިކޯ ވެސް ވަނީ ބަލި ނުވެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.






