މ. ދިއްގަރުގައި ހަލުވިކަމާއެކު ފާނުބަސަންދު ފެތުރެން ފެށުމާ ގުޅިގެން، އެ ރަށު ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންގެ ދެބައިކުޅައެއްބައި ކުދިން ކަރަންޓީނު ކުރަން ޖެހިއްޖެއެވެ.
ދިއްގަރު ކައުންސިލުން ބުނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ ގްރޭޑް 10 އެއްގެ ދަރިވަރުންގެ މެދުގައި ކަމަށެވެ. އެގޮތުން އެ ކްލާހުގެ ދެބައިކުޅައެއްބައި ކުދިންނަށް ބަލިޖެހިފައިވާތީ، އެ ދަރިވަރުން މިހާރު ތިބީ ކަރަންޓީނުގައެވެ.
މިދިޔަ ބޮޑު އީދަށް ފަހު ފެތުރެން ފެށި މި ބަލީގައި މިހާތަނަށް 25 ވޭދަނައެއް ވަނީ ފެނިފައެވެ. ކައުންސިލުން ބުނި ގޮތުގައި މީގެ ތެރެއިން 20 މީހަކަށް އަދިވެސް ބަލިޖެހިފައިވާއިރު، 5 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ދިއްގަރު ކައުންސިލާއި ސިއްހީ މަރުކަޒު ގުޅިގެން މިހާރު ވަނީ ޓާސްކް ފޯހެއް އެކުލަވާލާފައެވެ. އަދި ބަލި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން ރަށުގެ ޕްރީ ސްކޫލްގެ ކިޔެވުން މެދުކަނޑާލައި، މީހުން އެއްވެ އުޅޭ ހަރަކާތްތައް ވެސް ވަނީ މަޑުޖައްސާލާފައެވެ.
މީގެ އިތުރުން ޖަމާއަތުގައި ނަމާދުކުރާއިރު މާސްކް އެޅުމަށް ވެސް ރަށުގެ ރައްޔިތުންނަށް ވަނީ އަންގާފައެވެ.
ކައުންސިލުން ބުނި ގޮތުގައި، އެޅުނު ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު ބަލި ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި އާ ކޭސްތައް ފެންނަ މިންވަރު މިހާރު މަދުވެފައިވާ ކަމަށެވެ.






