ވަކިވަކިން ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު އެ ކަންކަމަށް ފިޔަވަޅު ނާޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށްރަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާވެސް އެމަނިކުފާޏު ބައްދަލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ބޭއްވޭ ބައްދަލުވުންތަކުގައާއި ސިޓީ މެދުވެރިކޮށް ހުށަހަޅާފައިވާ އެކި ކަންކަން ބަލައި، ރައްޔިތުން އެދޭ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ޚާއްސަ ޓީމަކުން ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުންނާނެ އެފަރާއްތަކަށް އެކަން ބަލާދީފައި. މިސާލަކައް އެ ފަރާތުގެ އެޕްލިކޭޝަން ރަނގަޅައްތޯ އޮތީ. އެއައް ރަނގަޅަށް ބަލައިފައިތޯ އޮތީ. އެކަން ބަލާދީފައި އެޔައް ޖަވާބުދެން. ދެން އެހެން ހުރިހާކަމެއްގައިވެސް އެކި ކަހަލަ އެހީތެރިކަމަށް އެދޭ. އެކި ކަހަލަ ކަންކަން ލަސްވެފައި ހުރޭ ސަރުކާރުގެ ތެރޭގައި. އެފަދަ އެތައްކަމެއް ވާނެ ބަލާފައި." ރައީސް ވިދާޅުވިއެވެ.
އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނާ ބައްދަލުކޮށްގެން ނުވަތަ އެ ނޫން ގޮތްގޮތުން ވިޔަސް، ރައްޔިތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ގޮތެއް ނުނިމި ނުވަތަ ހައްލެއް ހޯދައިނުދެވި އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޖަވާބެއް ނުލިބި ލަސްވެފައިވާ ކަމެއް އޮތް ނަމަ، އެއީ ފްލެޓް ފަދަ ބޮޑެތި މަޝްރޫޢުތަކާ ގުޅުންހުރި ކަމަކަށް ވުން އެކަށީގެންވެއެވެ. ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅުންހުރި ކަންކަމަކީ އެމަނިކުފާނު ނުހަނު އިސްކަންދެއްވައިގެން، ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަންކަން ކަމަށެވެ.
ބައެއް ފަރާތްތަކުން އެމަނިކުފާނާ ސީދާ ބައްދަލުކުރުމަށް އެދެމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ވަގުތު ހުރިގޮތުން އެފަދަ ހުރިހާ ބައްދަލުވުންތަކެއް އަދި ބޭއްވިފައި ނުވާކަމަށެވެ. ނަމަވެސް، އެމަނިކުފާނާ ސީދާ ބައްދަލުނުކުރެވުނު ކަމުގައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް އެ ފަރާތްތަކުގެ ޝަކުވާތަކާއި މައުލޫމާތުތައް ގާތުން އޮޅުންފިލުއްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ކޮންމެ ހަފުތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަގުތު ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެކަމަށް އެދޭ ފަރާއްތަކަށް ވަގުތު އޮންނަ ވަރަކަށް އުސޫލުގެ ތެރެއިން ވަގުތު ދެވިގެންދާނެ. 93 ދާއިރާ ނިމެނޭ ، ލައްކަ ދުވަހުން. ކޮންމެ ދާއިރާއަކުން 10 ނުވަތަ 15 އާއިލާއާިއ ބައްދަލުވާކަމަށް ވަންޏާއި 15 ވަރަކަށް ގެޔާއި ބައްދަލުވަންޏާއި ވަރަށް ގިނަ މީހުންނާއި ފުރުސަތު ލިބިގެންދާނެ. އެމީހަކު ބޭނުންވާ ވާހަކަތަކެއް ދައްކަން. އެކަހަލަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށަން އެބަ އުޅެން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރަށްވުރެ އިތުރު ވަގުތު ހޭދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެކުރިން ކުރެއްވި ދަތުރުފުޅުތަކުގައި މައިގަނޑު ގޮތެއްގައި ކައުންސިލްތަކާއި މުއައްސަސާތަކާ ބައްދަލުކުރެއްވި ނަމަވެސް، ކައުންސިލްތަކަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންކަން ފާހަގަކުރައްވައި، ދެން ކުރައްވާ ދަތުރުފުޅުތަކުގައި އާންމު ރައްޔިތުންގެ ތެރެއިން ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އުސޫލެއްގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.






