ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ދިވެހިންނަށް ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ކިޔައިދީ، ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށް އުފެދުނު ޕާޓީއެއް ކަމަށެވެ. އަދި މިއަދުވެސް އެ ޕާޓީގެ މައިގަނޑު ރޫހަކީ އެއީ ކަމަށް ފާހަގަ ކުރެއްވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ، ދިވެހި ރައްޔިތުންނަށް ތަނަސްކަން ހޯދައިދިނުމަށް އެމްޑީޕީން އަބަދުވެސް ދެމިއޮންނާނެއެވެ. އަދި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ ސީދާ ގުޅިފައިވަނީ އެމްޑީޕީއާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވަމުން ޝާހިދު ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއެކު 2028 ވަނަ އަހަރު އެމްޑީޕީން އަލުން ދިވެހިންނަށް "ހެޔޮވެރިކަމެއް" ކޮށްދޭނެ ކަމަށެވެ.
ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ޝާހިދު ވަނީ އެމްޑީޕީގެ ތާރީޚުގައި އެކި ދުވަސްވަރު ލީޑަރޝިޕްގެ މަގާމުތައް ފުރުއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާޓީގެ އަސްލު ރައުސްމާލަކީ އާންމު މެމްބަރުންކަން ފާހަގަ ކުރައްވައި، ހުރިހާ މެމްބަރުންނަށްވެސް ވަނީ ޝުކުރު ދަންނަވާފައެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު، އެ ޕާޓީން މިހާރު އަންނަނީ ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށް، ކުރިއަށް އޮތް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުންނެވެ.






