ޕޭޕަލްގެ ހިދުމަތަކީ ފެށުމެއް، ޔޫޓިއުބް މޮނެޓައިޒޭޝަންވެސް ވަރަށް އަވަހަށް ތައާރަފްކުރެވޭނެ: ރައީސް

ޕޭޕަލްގެ ހިދުމަތަކީ ފެށުމެއް، ޔޫޓިއުބް މޮނެޓައިޒޭޝަންވެސް ވަރަށް އަވަހަށް ތައާރަފްކުރެވޭނެ: ރައީސް

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ފެށުމަކީ ހަމައެކަނި ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ޕޭޕަލްގެ އިތުރު ޚިދުމަތްތަކާއި ޔޫޓިއުބް މޮނެޓައިޒޭޝަންގެ ޚިދުމަތްވެސް ރާއްޖެއަށް ތައާރަފްކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ 'ނޭޝަން ޗެޓް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޑިޖިޓަލް އިކޮނޮމީއެއް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިކޮނޮމީން ހިއްސާކުރުންކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ ޕާޓްނަރުން ރާއްޖޭގައި ގާއިމުވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ގޫގުލް އިންވެސް މިހާރު ރާއްޖޭގައި މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މިއީ 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު އިޝާރަތްކުރެއްވީ ގޫގުލްގެ 'ދިވަރު' ސަބްމެރިން ކޭބަލް ޕްރޮޖެކްޓަށެވެ. މި މަޝްރޫއުގެ ދަށުން ދުނިޔޭގެ ތިން ސަރަހައްދެއް ގުޅާލުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އޮމާން އިން ކްރިސްމަސް އައިލެންޑަށެވެ. އޭގެތެރެއިން އެ ކޭބަލް ހުރަސްކުރާ ލޭންޑިން ޕޮއިންޓް ޤާއިމްކުރުމަށް ހަމަޖެެހިފައިވަނީ އައްޑޫ ސިޓީ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓާއެކު ގޫގުލްގެ އިތުރު ހިމަތްތައްވެސް ރާއްޖެއަށް ވަރަށް އަވަހަށް ތާއަރަފްކުރުމަށް އަންނަނީ މަަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ޔޫޓިއުބް މޮނެޓައިޒޭޝަން ހިދުމަތް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މީގެތެރެއިންވެސް އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކަންތައްތައް ވާނެ ކަމަށް އުންމީދު ކުރެވޭ، މިސާލަކަށް، ޔޫޓިއުބް މަނިޓަރޒޭޝަން، އޭގެތެރެއިން އެމީހުން ގޫގުލްއިން، ވަރަށް އަވަހަށް ހަމަޖައްސައިދިނުމުގެ މަސައްކަތް އެބަ ކުރޭ،"

ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މީގެ ސަބަބުން ޒުވާނުންނަށާއި ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ.

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެކަމަށް ބޭނުންވާ ރެގިއުލޭޓަރީ އަދި ލީގަލް ކަންތައްތައް ހަމަޖެއްސުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވި ކަމަށެވެ. ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ އިޚްތިޔާރު ކުރުމުން، ސަރުކާރާއި ޕޭޕަލް އަދި އުރީދޫ ގުޅިގެން ގާތުން މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައީސް ވަނީ އުރީދޫން މިކަމުގައި ދެއްވި އެއްބާރުލުމާއި ކޮމިޓްމަންޓަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް މުއިއްޒު މިކަން ފާހަގަކުރެއްވީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމުގައި މި ސަރުކާރުގެ ބައިވެރިވުމެއް ނެތްކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުންނެވެ.

އުރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްހގެ ހިދުމަތް ތައާރަފްކުރިނަމަވެސް، ޕޭޕަލްގެ ހުރިހާ ހިދުމަތްތަކެއް ރާއްޖެއަކަށް ނުލިބެ އެވެ. އެކަމަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއީ ފެށުމެއް ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތްތަނުގައި ޕޭޕަލްގެ އިތުރު ހިދުމަތްތަށްވެސް ތައާރަފްކުރުން ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ޑިޖިޓަލް އިކޮނޮމީއެއް ގާއިމުކުރުމަށް ވެފައިވާ ވަޢުދު ފިއްދަވާނެކަމަށް ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *