ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވާ ރަސްމީ ގެ ކޮޅު ކަމަށްވާ މ. މުރައިދޫގެއާބެހޭ މައްސަަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު، އެ ބައްދަލުވުން ކުރިއަށްގެންދާނީ ސިއްރުންތޯ، ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު މެންބަރުންނާ ސުވާލު ކުރެއްވިއެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ހުޅުވައިލެއްވިއެވެ.
އެ ފުރުސަތުގައި، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ކޮމިޓީއަށް ހުށަހެޅިފައިވަނީ މަޖިލިސް ރައީސްގެ ގެ ކޮޅާބެހޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވިއެެވެ. ކަމަށްވެސް ނަމަވެސް އެއީ މަޖިލިސް ރައީސްގެ ގެ ކޮޅާބެހޭ ކޮން މައްސަލައެއްކަމެއް ވިދާޅެއްނުވެއެވެ. އެ ހުށަހެޅުން ފާސްކޮށް ކޮމިޓީ ބައްދަލުވުން ސިއްރު ކުރިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސްގެ ރަސްމީ ގެ ކޮޅުގެ ގޮތުގައި މުރައިދޫގެ ހަމަޖެއްސީ، މަޖިލިސް ރައީސްއަށް ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖައްސައިދޭންޖެހޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް، 2021 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކާ ގުޅިގެންނެވެ.
ގާނޫނަށް އެ އިސްލާހު ގެނައީ، 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކުދިން ދިން ބޮމުގެ ހަމަލާއާ ގުޅިގެން، ދައުލަތުގެ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި، މަޖިލިސް ރައީސްއަށް ހާއްސަކުރެވިފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި އިރުޝާދާ ގުޅިގެންނެވެ.





