ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާގެ މާހައުލެއް ފަހިކޮށްދޭނަން: ޝަކީލް

ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާގެ މާހައުލެއް ފަހިކޮށްދޭނަން: ޝަކީލް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ ގޮނޑިއަށް އައްޔަންކުރައްވައިފިނަމަ، ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ޚިޔާލުބަދަލުކޮށް މަޝްވަރާކުރުމަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ހުޅުވާލަދެއްވާނެކަމުގެ ޔަޤީންކަން ކުރީގެ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ކުރިއަށްދިޔަ އިންޓަވިއު މަރުހަލާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަކީލް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިންތިޚާބީ ނިޒާމަކީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް ހާމަކަންބޮޑު ގޮތަކަށް ބައްޓަންކުރެވިފައިވާ ނިޒާމެކެވެ. އެހެންނަމަވެސް، ޕާޓީތަކާއި ކޮމިޝަނާ ދެމެދު މައްސަލަތައް އުފެދެނީ ކޮމިޝަނުން އަޅާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ހިއްސާނުކުރެވޭތީކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރުކަމާ ހަވާލުވެވަޑައިގެންފިނަމަ، އެފަދަ މައުލޫމާތުތައް ވަގުތުން ވަގުތަށް ފޯރުކޮށްދީ، ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތައް އަޑުއައްސަވާނެކަމަށް ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން، އީސީގެ މައިގަނޑު މަޤުސަދަކަށް ވާންވާނީ ހަމައެކަނި ސިޔާސީ ޕާޓީތަކަށް އަދަބުދިނުން ނޫންކަމަށާއި، އޭގެ ބަދަލުގައި ޤާނޫނީ އިމުގެ ތެރެއިން ޕާޓީތަކުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާންމު ރައްޔިތުންނާއި ޕާޓީތަކުގެ މެންބަރުން އިންތިޚާބީ ޤަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން، މީގެ ކުރިން އީސީގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދެއްވި ސަބަބު ވެސް ޝަކީލް ސާފުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ އޭރު މަޤާމުން ވަކިވެވަޑައިގަތީ މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ފަދަ މާހައުލެއް ނެތްކަމަށް އަމިއްލަ ޒަމީރު ޤަބޫލުކުރުމުން ކަމަށެވެ. އަދި ކުރިމަގުގައި ވެސް އެފަދަ ހާލަތަކާ ކުރިމަތިލާންޖެހިއްޖެނަމަ، ފަސްޖެހުމެއްނެތި މަޤާމު ދޫކޮށްލައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އީސީގެ މެންބަރުކަމަށް ޝަކީލްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައި ވަނީ، އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަކީލް ވަނީ 2013ވަނަ އަހަރުން ފެށިގެން 2014ވަނަ އަހަރަށް އީސީގެ ޑިރެކްޓަރ ޖެނެރަލްކަން އަދި އޭގެ ފަހުން 2018ވަނަ އަހަރާ ހަމައަށް އެ ކޮމިޝަނުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *