ރަށްރަށުގައި އިމާމުންގެ އަދަދު އިތުރުކުރުމަށް އިމާމުކަމާ ގުޅޭ ޢާއްމު އިމްތިޙާނަކާއެކު އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިމާމުން އިތުރުކުރުމަށް އިމާމުން ތާޒާކުރުމުގެ ޚާއްސަ ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ. ރާއްޖޭގައި މިވަގުތުވެސް ގާތްގަނޑަކަށް 569 އެއްހާ ދާއިމީ އިމާމުން އުޅެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުންކަމަށެވެ.
މި މައްސަލަ އަށް ޙައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، އެވުޒާރާއިން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި ޢާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ވަޒީރު ޝަހީމް ވިދާޅުވީ ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާރު މީހުން ދިރިއުޅޭ ރަށްތަކުގެ ޖުމްލަ 623 މިސްކިތް އެބަހުރިކަމަށެވެ. ރާއްޖޭގައި މިވަގުތު 569 ދާއިމީ އިމާމުން ތިބިއިރު މިހާތަނައް ދާއިމީ އިމާމުން ހަމަޖެހިފައިވަނީ 554 މިސްކިތެއްގައެވެ. ވަޒީރު ވިދާޅުވީ މިވަގުތު 69 މިސްކިތުގައި ދާއިމީ އިމާމުން ނެތްކަމަށެވެ. މީގެ ތެރެއިން ޖުމްލަ 15 މިސްކިތެއްގައި 2 އިމާމުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އިމާމުން އިތުރުކޮށް އިތުރަށް ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. ސަޢުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާއިން ފަދަ ޤައުމުތަކަށްވެސް އިތުރު ތަމްރީނުތަކަށް އިމާމުން ދަނީ ފޮނުވަމުންނެއެވެ. އެގޮތުން ފަށާފައިވާ އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި އެކި ސަރަޙައްދުތަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ 9 މާއްދާއެއް ހިމަނައިގެންނެވެ. އެގޮތުން ޤުރްއާނާއި ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި ފިޤުހާއި ޙަދީޘްގެ އިތުރުން އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން އުނގަންނައިދެއެވެ.





