މި ސަރުކާރުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެމްޑީޕީގެ ވެރިކަމެއްގައި ވަޒީފާ ރުޖޫއަ ކޮށްދޭނަން: ޝާހިދު

މި ސަރުކާރުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެމްޑީޕީގެ ވެރިކަމެއްގައި ވަޒީފާ ރުޖޫއަ ކޮށްދޭނަން: ޝާހިދު

މި ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންނަށް، އެމްޑީޕީގެ ވެރިކަމެއްގައި އަލުން ވަޒީފާ އިއާދަކޮށްދޭނެ ކަމުގެ ވަރުގަދަ ވައުދެއް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވެވަޑައިގެންފިއެވެ.

މި ވައުދު ޝާހިދު ވެވަޑައިގަތީ، ވަޒީފާއިން ވަކިކުރާ މީހުންގެ ހައްގުގައި އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގެ ތެރެއިންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ އަތުން ފޭރިގަންނަމުންދާ ކޮންމެ ވަޒީފާއެއް، އެމްޑީޕީ އަލުން ވެރިކަމަށް އައުމަށްފަހު އެ މުވައްޒަފުންނަށް އަނބުރާ ހޯދައިދޭނެއެވެ.

ސަރުކާރުގެ މި އަމަލުތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، ވަޒީފާއިން މީހުން ވަކިކުރުމަކީ ސަރުކާރާ ދެކޮޅު އާއިލާތައް އިތުރުވެގެ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކާއެކު، އެ މީހެއްގެ މުޅި އާއިލާ ސަރުކާރާ ދެކޮޅުވާނެ ކަމަށާއި، ރައްޔިތުން ބިކަކޮށްގެން ސަރުކާރަށް ލޯތްބާއި އިހުތިރާމް ނުލިބޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދު ނުކުރުމުގެ ސަބަބުން ސަރުކާރުގެ އެކި ކުންފުނިތަކުން 12 މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބާއި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުން ވަކިކުރި މުވައްޒަފުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ހަތް މުވައްޒަފަކު ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ، މުވައްޒަފުން ވަކިކުރުން ސަރުކާރުން ހުއްޓާނުލާނަމަ، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީތައް) ހިސާރުކުރަން ނުވަތަ "އޮކިއުޕައި" ކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ. އެމްޑީޕީން ބުނީ ނުހައްގުން ވަޒީފާއިން ވަކިކުރާ މީހުންގެ ހައްގުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެ ޕާޓީން ކުރަމުންދާނެ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *